25 ފެބުރުއަރީ 2025 - 23:10

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވާ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.
އެކަން މި މައްސަލައިގައި ހިމެނޭ ބައެއް ވަކީލުން ކަށަވަރުކޮށްދެއްވި އެވެ. އަޑުއެހުން ތާވަލްކޮށްފައިވަނީ ހެނދުނު 11:00 އަށެވެ.
ސުޕްރީމް ކޯޓުގައި ޝަރީއަތް ފަށާފައިވާ ދުސްތޫރީ މައްސަލައިގެ ތެރޭގައި އެދިފައިވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ނުކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިފައިވެ އެވެ. އެއީ، ފަނޑިޔާރުން މިނިވަން ކަމާއެކު މަސައްކަތް ކުރުމަށް ހުރަސް އަޅާ ނަމަ އެފަދަ އަމުރެއް ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިފައިވާ ކަމަށް ބުނެ އެވެ.
އޭގެއިތުރުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކާ މެދު އިޖުރާއަތެއް ހިންގުން މަނާކޮށްދޭން ވެސް މިއަދު ވަގުތީ އަމުރަކަށް އެދިފައިވެ އެވެ.
ވަގުތީ އަމުރާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ތައްޔާރުވިއިރު އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލް މަޖިލީހުން ބަލައިގަނެ، ޖުޑިޝަރީ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
އެ ބިލް ބަލައިގަތުމަށް ސަރުކާރު ހިންގާ ޕީއެންސީ ޕީޖީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެފައިވަނިކޮށް ދެ މެންބަރަކު ވަނީ ވިޕާ ހިލާފަށް ވޯޓުގައި ބައިވެރިނުވެ އެވެ. އެ މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަން އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ އަންގަވައިފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޕާޓީން ވިޕްލައިނެއް ނެރެފައިވަނިކޮށް އެއާ އެއްވެސް މެންބަރަކު އެއްވެސް ފަހަރަކު ހިލާފުވެގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަލީ ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށް ކަނޑައަޅައިދޭށެވެ. އެއީ އެ އިސްލާހު ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ އާއި ފަސް ވަނަ އަދި އަށް ވަނަ މާއްދާއާ ވެސް ހިލާފުވާތީ އަދި 73 ވަނަ މާއްދާ އާއި 90 ވަނަ މާއްދާއާ ވެސް ހިލާފުވާ ކަމަށް ބުނެ އެވެ.
އެ އިސްލާހަކީ މިހާރު ތިބި މަޖިލީހުގެ މެންބަރުންނަށް އެއްވެސް ގޮތަކުން އެޕްލައި ކުރެވޭނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ވެސް އަލީ ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވެ އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފަ އެވެ. ނަމަވެސް، އެކަމާ މެދު ގޮތެއް ނުނިންމާ ސުޕްރީމް ކޯޓުން ނިންމީ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާށެވެ.