25 ފެބުރުއަރީ 2025 - 17:59

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އަންނަ ބުރާސްފަތި ދުވަހު އިއުލާންކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދ. އަތޮޅަށް ކުރެއްްވި ދަތުރުފުޅުގައި އެ އަތޮޅު ހުޅުދެއްޔަށް ވަޑައިގެން ރައީސް ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓު މި އަންނަ ބުރާސްފަތީގައި އާންމުކުރެވޭނެ ކަމަށާއި އެ ލިސްޓުގައި ލިބޭ މީހުންގެ މައުލޫމާތުގެ އިތުރުން ނުލިބޭ ނަމަ، ނުލިބޭ ސަބަބު ވެސް ބަޔާންކޮށްފައިވާނެ ކަމަށެވެ.
"ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވިން ރޯދައިގެ ކުރިން 4،000 ފްލެޓް އިއުލާންކުރާނެއޭ. ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީން މިނިސްޓަރު ބާއްވަވާ ޕްރެސް ކޮންފަރެންސަކަށް ފަހު އެ ލިސްޓު އަޅުގަނޑުމެން އާންމުކުރާ ގޮތަށް އޮތީ ހަމަޖެހިފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާނެ އެވެ.
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދަކީ އެމަނިކުފާނުގެ އެންމެ މުހިއްމު އެއް ވައުދު ކަމަށާއި އެ މައްސަލަ އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު ހައްލުކޮށްދެއްވާނެ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރަން ފެށި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު، ސަރުކާރު ބަދަލުވާން އެއް ދުވަހަށް ވެފައި އޮއްވައި އިއުލާންކުރި އެވެ. އެކަމަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފްލެޓްތައް ހަވާލުކުރުން ހުއްޓުވީ އެވެ.
ފްލެޓުތަކާ ގުޅިގެން އޭސީސީ އަށް ހުށަހެޅި ޝަކުވާތަކާ ހެދި ކުރި ދެ މަސް ދުވަހުގެ ތަހުގީގުން އެނގޭ ގޮތުގައި ފްލެޓް ލިބޭ ކަމަށް އާންމުކުރި ދާއިމީ ލިސްޓުގައިވާ 4،000 މީހުންގެ ތެރޭގައި ހިމެނޭ 60 ޕަސެންޓް މީހުންނަކީ މަކަރާއި އޮޅުވައިލުމުގެ ތެރެއިން ފްލެޓް ކަށަވަރުކުރި މީހުންނެވެ. އެއީ ހައްގުވެރިން ނޫން ކަމަށް އޭސީސީން ބުނެފައިވެ އެވެ.
އެހެންވެ، އޭރު އޭސީސީން ހައުސިން މިނިސްޓްރީ އަށް އެންގީ ފްލެޓް ލިސްޓު އަލުން މުރާޖައާ ކުރާށެވެ.
ފްލެޓް ލިސްޓު ނެރުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރު އެކި ތާރީހުތައް ދީފަ އެވެ. އެކަމަކު، އެ ތާރީހުތަކަށް ވެސް އެ ލިސްޓު އާންމު ނުކުރެވި އުޅެނިކޮށް، އެންމެ ފަހުން ނޮވެމްބަރު 16 ގައި ލިސްޓު އާންމުކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކުރީ އެވެ.
މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެ، އެ ކަމަށް ހައްލެއް ހޯދުމަށް ހުޅުވާލި މި ފްލެޓްތަކަށް ދޭނީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް އެކަންޏެވެ. މި ތަނުގައި ހިމެނެނީ ތިން ކޮޓަރީގެ 2،712 ފްލެޓާއި ދެ ކޮޓަރީގެ 1،188 ފްލެޓުތަކެވެ.