25 ފެބުރުއަރީ 2025 - 17:10

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ދިފާއުވުމަށް މަޖިލީހުގައި ދެއްކެވި، ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ ފޮޓޯގައި ގެންގުޅުއްވަނީ ފޮޓޯ ޖެހި އެމްޑީޕީގެ ވޯޓާސް ލިސްޓެއް ކަމަށާއި އެއީ ޑީއެންއާރާ ގުޅުން ހުރި ލިސްޓެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ޕީއެންސީއަށް ސައްހަ ނޫން މެންބަރުން ވެއްދުމަށް ޑީއެންއާރު ޑޭޓާ ބޭސް ތެރެއިން މައުލޫމާތު ނަގައިގެން ހޯމްލޭންޑް މިނިސްޓްރީން ފޯމު ފުރިހަމަކަމަށް އިހުސާނަށް ކުރާ ތުހުމަތުތަކަށް ރައްޔިތުންގެ މަޖިލިހުގައި މިއަދު ޖަވާބުދާރީވެވަޑައިގަންނަވަމުން އޭނާ ވަނީ ފަޒްނާގެ ފޮޓޯއެއް މަޖިލީހުގައި ދައްކާލައްވައިފަ އެވެ.
ފޮޓޯ ދެއްކެވުމަށް ފަހު އިހުސާން ވިދާޅުވީ، އެ ފޮޓޯގައި ފަޒްނާ ގެންގުޅުއްވާ ފައިލުން ފެންނަނީ ޑީއެންއާރުގެ ޑާޓާ ބޭސް ޕްރިންޓު ކޮށްފައިވާ ތަން ކަމަށާއި އެއީ 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ގެންގުޅުއްވި ފައިލެއް ކަމަށެވެ.
އެކަމަކު، އޭރު އެ މައްސަލަ ބެލިފައި ނުވަނީ ކީއްވެތޯ އިހުސާން ސުވާލު އުފެއްދެވި އެވެ.
ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެއްވައި މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، އެއީ ޖެނުއަރީ 2023 ގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ އެ ޕާޓީގެ މެންބަރުންގެ ފޮޓޯ ޖެހި ލިސްޓެއް ކަމަށެވެ. އެ ފޮޓޯ ނަގާފައިވަނީ ޕްރައިމަރީގެ ކެމްޕެއިނު ކުރިއަށް ގެންދިޔައިރު އެމްޑީޕީގެ ހަރުގެއެއްގެ ތެރޭގައި ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މެމްބަޝިޕް ފޯމު ފުރާއިރުގައި ނަގަން ކޮންމެ މެންބަރެއްގެ ފޮޓޮއެއް. އަޅުގަނޑުމެންގެ ޓެކްނޮލޮޖީ އެބަހުރި، އަޅުގަނޑުމެންގެ ޑޭޓާބޭސްތައް ހަދާފައި އެގޮތަށް [ފޮޓޯ ފެންނަ ގޮތަށް] އެބަހުރި. އަޅުގަނޑުމެންގެ ލިސްޓުތަކާއި ފޮޓޯ ޖެހި ލިސްޓުތައް އަޅުގަނޑުމެން އަތުގައި އަބަދުވެސް ހުރޭ،" ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީއެއްގެ ކެމްޕެއިނުގައި އެމްޑީޕީގެ ފޮޓޯ ޖެހި ލިސްޓެއް ގެންގުޅުއްވުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.