15 ޖޫން 2016 - 07:48

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުގެ ބަތަލުގެ ރޯލަށް ހަމަޖެހިފައިވަނީ ރަންބީރު ކަޕޫރެވެ.
"ތުރީ އިޑިއަޓްސް"ފަދަ މޮޅު ފިލްމުތައް އުފައްދާފައިވާ ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކުރާ މި ފިލްމުގެ ބަތަލާ އަކު އަދި ވަނީ ހަމަނުޖެހި އެވެ. ފިލްމުގެ ބަތަލާއަކަށް ހަމަޖައްސަން ހިރާނީ އާއި ސަންޖޭ ދަތު ބޭނުންވަނީ ކެޓުރީނާ ކައިފް އެވެ.

ފިލްމުގައި ސަންޖޭ ދަތުގެ މިހާރުގެ އަނބިމީހާ މަންނީތާގެ ރޯލަށް ކެޓުރީނާ ވަރަށް ފިޓް ކަމަށް ސަންޖޭ ދަތު ގަބޫލު ކުރެ އެވެ. އަދި މިހާރު ފިލްމު އުފައްދާ ފަރާތުން ކެޓުރީނާއާ ވާހަކަ ދެއްކުމަށްފަހު ފިލްމުގެ ސްކްރިޕްޓް ވެސް އޭނާއަށް ވަނީ ފޮނުވާފަ އެވެ. ނަމަވެސް ކެޓުރީނާ އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.
ސުވާލަކީ ރަންބީރާއެކު އިތުރު ފިލްމެއް ކުޅެން ކެޓުރީނާ އެއްބަސް ވެދާނެ ހެއްޔެވެ؟ އެއްބަސްވެއްޖެ ނަމަ މިއީ އަނެއްކާވެސް ރަންބީރު-ކެޓުރީނާ ފޭނުންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވާނެ އެވެ.
ރަންބީރު އާއި ކެޓުރީނާގެ ހަ އަހަރުވީ ލޯތްބަށް ނިމުން އައީ މިއަހަރުގެ ތެރޭގަ އެވެ. މި ދެ މީހުން ވަކިވުމުގެ ގެއްލުން އެމީހުން އެކުގައި ކުޅެން ފަށާފައިވާ "ޖައްގާ ޖާސޫސް" އަށް ވެސް ވަރަށް ބޮޑަށް ކުރި އެވެ. ނަމަވެސް މިހާރު އެ ފިލްމުގެ ޝޫޓިން ނިމި ރިލީޒްކުރުމަށް ދަނީ ތައްޔާރު ވަމުންނެވެ.
ރަންބީރާއި ކެޓުރީނާ ރުޅިވިފަހުން ނަގާފައިވާ "ޖައްގާ ޖާސޫސް"ގެ މަންޒަރުތަކުގައި ދެ މީހުންގެ ކެމިސްޓްރީ ވަރަށް ގުޅޭ ކަމަށާއި އެއްގޮތަކަށް ވެސް ހަގީގީ ދިރިއުޅުމުގައި ވާހަކަ ދައްކާ ނޫޅޭ ދެ މީހުންކަން ނޭނގޭ ކަމަށް ފިލްމު ޔުނިޓުގެ މީހުން ބުނެފައިވެ އެވެ.
އެހެންކަމުން މިފަހަރުގެ ފިލްމުވެސް ކެޓުރީނާ ގަބޫލު ކޮށްފާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.