ރެފްކޫލްއިން ވީޑިއޯ ކޮންޓެންޓް ހެދުމުގެ މުބާރާތެއް
ރެފްކޫލްއިން ވީޑިއޯ ކޮންޓެންޓް ހެދުމުގެ މުބާރާތެއް

ރޯދަ މަހަށް ހާއްސަކޮށް ރެފްކޫލްއިން "ރޯދަ ކޫލް ކުރުން" ނަމުގައި ވީޑިއޯ ކޮންޓެންޓު ހެދުމުގެ މުބާރާތެއް އިއުލާނުކޮށްފި އެވެ.

އެ މުބާރާތަކީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގުރާމްގެ ދަށުން، ދިވެހި ކޮންޓެންޓް ކްރިއޭޓަރުންގެ ހުނަރު ތަރައްގީ ކުރުމަށް ހިތްވަރުދީ އަދި އެއް ޕްލެޓްފޯމަކުން އެ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދީ، ކްރިއޭޓަރުންނަށް އާމްދަނީ ލިބޭނެ އިތުރު ފުރުސަތެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދަން ނިންމި މުބާރާތެއް ކަމަށް ރެފްކޫލްއިން ބުންޏެވެ.

އެ މުބާރާތުގައި ތިން ކެޓަގަރީއެއް ހިމެނެ އެވެ. އެއީ ޑައިމަންޑު ކެޓަގަރީ އާއި ޕްލެޓިނަމް ކެޓަގަރީ އަދި ގޯލްޑް ކެޓަގަރީ އެވެ.

ޑައިމަންޑް ކެޓަގަރީގައި ވާދަކުރުމަށް ވީޑިއޯ ތައްޔާރު ކުރަން ޖެހޭނީ ރެފްކޫލްއިން ދޭ ކޮންސެޕްޓަކަށެވެ. މި ކެޓަގަރީއަށް ހުށަހެޅޭނީ 30 ސިކުންތުގެ ވީޑިއޯ އެވެ. މި މުބާރާތުގެ ޕްލެޓިނަމް ކެޓަގަރީގައި ވާދަކުރުމަށް ވީޑިއޯ ތައްޔާރު ކުރަން ޖެހޭނީ އެ ކުންފުނިން ދޭ ވީޑިއޯގެ ކޮންޓެންޓަށް އަމިއްލަ ކޮންސެޕްޓަކަށް ނުވަތަ އެ ކުންފުނިން މައުލޫމާތު ދޭ ޕްރޮޑަކްޓުތަކަކަށް ނުވަތަ ޕްރޮޑަކްޓަކަށެވެ. މި ކެޓަގަރީއަށް ވެސް ތައްޔާރު ކުރަން ޖެހޭނީ 30 ސިކުންތުގެ ވީޑިއޯ އެކެވެ.

މި މުބާރާތުގެ ގޯލްޑް ކެޓަގަރީގައި ވާދަކުރުމަށް ވީޑިއޯ ތައްޔާރުކުރަން ޖެހޭނީ އެ ކުންފުނިން މައުލޫމާތު ދޭ ޕްރޮޑަކްޓުތަކުގެ ތެރެއިން ވީހާވެސް ގިނަ ޕްރޮޑަކްޓުތަކެއް ހިމަނައިގެންނެވެ. އެ ކެޓަގަރީގައި ބޭނުން ދިގުމިނަކަށް ވީޑިއޯ ހެދޭނެ އެވެ.

އެ މުބާރާތުގެ ކެޓަގަރީތަކުގެ ވީޑިއޯތަކަށް މާކްސް ދިނުމުގައި ވީޑިއޯ ކޮލިޓީ އާއި ހުށަހެޅުންތެރިކަން ނުވަތަ އެކްޓިން އާއި އެންމެ ގިނަ ލައިކާއި ޝެއާ އާއި ރީޗުވި އޯޑިއެންސަށް ބަލާނެ އެވެ. އަދި ޕްލެޓިނަމް އާއި ގޯލްޑް ކެޓަގަރީގައި އެ ކަންތައްތަކުގެ އިތުރުން ވީޑިއޯ ކޮންސެޕްޓަށް ވެސް މާކްސް ދިނުމުގައި ބަލާނެ އެވެ.

"ރޯދަ ކޫލް ކުރުން" މުބާރާތަށް ހަދާ ކޮންޓެންޓުތައް ސޯޝަލް މީޑިއާއަށް ޕޯސްޓް ކުރެވޭނީ އެ ވީޑިއޯއެއް އީމެއިލް ނުވަތަ ޓެލްގްރާމް ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ރެފްކޫލަށް ހުށަހެޅުމަށް ފަހު, މުބާރާތުގެ ޖަޖުންގެ ޕެނަލްއިން ހުއްދަ ލިބުމުންނެވެ. މުބާރާތުގައި ވަކިން ނުވަތަ ޓީމުތަކަށް ވެސް ބައިވެރިވޭނެ އެވެ.

ބައިވެރިވާ ޓީމުތަކުން ހަދާ ވީޑިއޯތައް އެއް މެމްބަރުގެ އެކައުންޓުން ޕޯސްޓުކުރުމުން ބަލައިގަންނާނެ އެވެ. ނަމަވެސް ފޭސްބުކާއި އިންސްޓަގްރާމް އަދި ޓިކްޓޮކަށް ޕޯސްޓުކުރެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ވީޑިއޯތައް އަޕްލޯޑުކުރުމަށް ފަހު, ރެފްކޫލްގެ ސޯޝަލް މީޑިއާ އެކައުންޓް ޓެގުކުރަން ޖެހޭނެ އެވެ.

"ރޯދަ ކޫލް ކުރުން" މުބާރާތައް ރެފްކޫލްއިން ވަނީ ޖުމްލަ 60،000ރ. ގެ ފައިސާގެ އިނާމާއި 35،000ރ. ގެ ތަކެތީގެ އިނާމު ހުށަހަޅައިފަ އެވެ. އެއީ ޑައިމަންޑު ކެޓަގަރީގެ އެއް ވަނަ އަށް 12،000ރ. އާއި 9،000 ބީޓީޔޫގެ ގްރީ އޭސީއެކެވެ. ދެވަނަ އަށް ހުށަހަޅާފައިވަނީ 8،000ރ. އާއި 55 އިންޗީގެ ޖޭވް ސްމާޓް ޓީވީއެކެވެ. ތިން ވަނަ އަށް ހުށަހަޅާފައިވަނީ 5،000ރ. އާއި ގްރީ އެއާ ޕިއުރިފަޔާއެކެވެ.

އެ މުބާރާތުގެ ޕްލެޓިނަމް ކެޓަގަރީގެ އެއް ވަނަ އަށް ހުށަހަޅާފައިވަނީ 10,000ރ. އާއި 50 އިންޗީގެ ޖޭވް ސްމާޓް ޓީވީއެކެވެ. ދެ ވަނަ އަށް ހުށަހަޅާފައިވަނީ 6،000ރ. އާއި ޖެނޯމީ ރޯޒް 12 ގެ ފަހާ ފޮށްޓެކެވެ. އަދި ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 4،000ރ. އާއި ކެންވުޑު އެއާ ފްރަޔާއެކެވެ.

އެ މުބާރާތުގެ ގޯލްޑް ކެޓަގަރީގެ އެއް ވަނަ އަށް ހުށަހާފައިވަނީ 8،000ރ. އާއި 8 ކިލޯގެ ކޮފްލީ ދޮންނަ މެޝިނެކެވެ. ދެ ވަނަ އަށް ހުށަހަޅާފައިވަނީ 4،000ރ. އާއި ގްލޭންޒް އިލެކްޓްރިކް އަވަނެކެވެ. ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 3،000 ރުފިޔާ އާއި ޕިއްޒާ މޭކަރެކެވެ.

މި މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ރެފްކޫލުގެ ޕްރޮޑަކްޓުތަކުގެ އިޝްތިހާރުތައް ކުޅުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި މިފަދަ އެކި މުބާރާތްތައް ކުރިއަށް އޮތްތަނުގައި ބާއްވާނެ ކަމަށް ވެސް ރެފްކޫލްއިން ބުންޏެވެ.

މި މުބާރާތަށް ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވީޑިއޯ ހުށަހެޅޭނެ އެވެ.