24 ފެބުރުއަރީ 2025 - 10:12

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އޭޕްރީލް ހަތް ވަނަ ދުވަހު ފަށާ ގޮތަށް އެކަޑެމިކް ކަލަންޑަރުގައި ހިމަނައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކުރި ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގަ އެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގަ އެވެ.
ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގަ އެވެ.
ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގައި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ކުދިން ގޮސްގެން ކިޔެވުން މެދުކެނޑި، ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން ކިޔެވުން ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް 2021 ގައި ބަދަލުކުރީ އެވެ.
އެގޮތަށް ބަދަލު ކުރުމުން ބޮޑު ޗުއްޓީ ޖޫން/ޖުލައިގައި ލިބޭތީ، އެ ދުވަސްވަރު ދިމާ ވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރާ ކަމަށާއި އޭގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ހޭދަކުރަން ދަތިވާ ކަމަށް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ގިނަ ބަޔަކު އެދުނު އެއް ކަމަކީ ވެސް ދިރާސީ އަހަރު ފަށާ ދުވަސްވަރު ކުރިން އޮތް ގޮތަށް ބަދަލުކޮށް ދިނުމަށެވެ. އެހެންވެ، ބޮޑު ޗުއްޓީ އަލުން ޑިސެމްބަރު މަހަށް ބަދަލު ކުރުމަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ.
މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ. ނަމަވެސް އަންނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.