13 މާޗް 2017 - 14:04

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ އެކު އެކި ފަރާތްތަކުން ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން ލިބެން ޖެހޭ ފައިސާ ހޯދުމަށް އަމިއްލަ ބަޔަކާ ހަވާލުކުރަން ނިންމައިފި އެވެ. މިއީ އެ ބޭންކަށް ލިބެން ޖެހޭ ފައިސާ ހޯދަން އަމިއްލަ ފަރާތަކާ ހަވާލުކުރި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ އެ ބޭންކަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ގިނަ ދުވަސްވެފައި ހުންނަ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ބޭންކުން އަމިއްލަ ފަރާތެއްގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާ ކަމަށެވެ.
"ލޯނުގެ ގޮތުގައި ދޫކުރާ ފައިސާ ހޯދުމަށް ފުރިހަމަ ކުރަން ޖެހޭ މަރުހަލާތައް ފުރިހަމަ ކުރުމަށް ފަހު ވެސް އެ ފައިސާ ނުލިބޭ ނަމަ އެ މަސައްކަތަށް ހޭދަވާ ވަގުތާއި ހަރަދު ކުޑަ ކުރުމުގެ ގޮތުން އަމިއްލަ ފަރާތެއްގެ އެހީތެރިކަން ހޯދައިގެން މިފަދަ ފައިސާ ހޯދުމަކީ ބައިނަލްއަގްވާމީ ދުނިޔޭގައި މިކަން ކުރާ އާންމު އުސޫލެވެ. އަދި ރާއްޖޭގެ ބައެއް މާލީ އިދާރާތަކުން ވެސް މިހާރު މި އުސޫލަށް އަމަލު ކުރަމުންދެ އެވެ." ބީއެމްއެލުން ބުންޏެވެ.
އެ ބޭންކުން ބުނީ ބީއެމްއެލް އަށް ލިބެން ޖެހޭ ފައިސާ ހޯދުމުގެ ގޮތުން، ހަވާލުކުރާ ވަކި އެކައުންޓްތަކަކާ ގުޅިގެން ޑެޓް ކަލެކްޝަން ހިދުމަތް ދިނުމުގެ ގާބިލިއްޔަތާ ތަޖުރިބާ ހުރި ދިވެހި ބަޔަކު ނުވަތަ ކުންފުންޏެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ހުށަހަޅަން ޖެހޭ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އެކަމަށް ކުރިމަތިލާ ފަރާތްތަކުން ޑެޓް ކަލެކްޝަން ދާއިރާ އިން ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުމާއި އަދި އެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންގެ މައުލޫމާތު ހުށަހަޅަން ޖެހެ އެވެ.