22 ފެބުރުއަރީ 2025 - 19:58

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް މެދުކަނޑާލަން އިޒްރޭލާއި ހަމާސް ޖަމާއަތުން ހެދި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި މިނިވަންކުރަން ނިންމި އިޒްރޭލުގެ ރަހީނުންގެ ތެރެއިން ބާކީ ތިބި ހަ މީހުން ވެސް މިއަދު މިނިވަންކޮށްފި އެވެ.

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސައިރަތުގައި ބޭއްވި ރަސްމިއްޔާތެއްގައި، މޫނު ނިވާކޮށްގެން ތިބި ހަމާސްގެ ހަނގުރާމަވެރިން ވަނީ އެލިއާ ކޯހެން، 27، އުމޭރު ޝެމް ޓޮވް، 22، އަދި އިޒްރޭލް-އާޖެންޓީނާގެ އުމޭރު ވެންކާޓް، 23، ހަވާލުކުރުމުގެ ކުރިން ސްޓޭޖަށް އަރުވައި އެންމެންނަށް ދައްކައިފަ އެވެ.

އިޒްރޭލަށް ހަމާސްއަށް ދިން ހަމަލާގައި ރަހީނުކުރި 251 މީހުންގެ ތެރޭގައި ހިމެނޭ މި މީހުން ބަންދުގައި ތިބޭތާ 15 މަސް ދުވަސް ފަހުން މިނިވަންކުރި އިރު އެހެން ރަހީނުންނާ އެއްގޮތަށް އެ މީހުންގެ އަތުގައި ވެސް، މިނިވަންކުރި ކަމުގެ ސެޓްފިކެޓް އޮތެވެ. އެ ލިޔުންތަކާ އެކު ސްޓޭޖަށް އަރުވައި އެތައް ހާސް ބައެއްގެ ކުރިމަތީގައި ވަނީ ރަހީނުން ރެޑް ކްރޮސްއާ ހަވާލުކޮށްފަ އެވެ.
ޣައްޒާގެ ދެކުނުގެ ރަފަހްގައި ބޭއްވި މިފަދަ ރަސްމިއްޔާތެއްގައި ހަނގުރާމަވެރިން ވަނީ ތަލް ޝޯހަމް، 40، އާއި އަވޭރާ މެންގިސްޓޫ، 38، ވެސް މިއަދު މިނިވަންކޮށް ރެޑް ކްރޮސްއާ ހަވާލުކޮށްފަ އެވެ. އޭނާ ލައްވައި ސްޓޭޖްގައި ވަނީ ވާހަކަ ވެސް ދައްކުވައިފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ މީގެ 10 އަހަރު ކުރިން ޣައްޒާއަށް ވަދެގެން އުޅެނިކޮށް ހައްޔަރުކުރި ހިޝާމް އަލް ސައީދު، 37، ކަމަށް ބެލެވޭ ހަ ވަނަ މީހަކު ވެސް ފަހުން ރެޑް ކްރޮސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ބެޑޮއިން މުސްލިމެއް ކަމަށްވާ ސައީދުގެ އިތުރުން އިތިއޯޕިއާގެ ޔަހޫދީއެއް ކަމަށްވާ މެންގިސްޓޫ މީގެ ދިހަ ވަރަކަށް އަހަރު ކުރިން ޣައްޒާއަށް ވަދެގެން އުޅެނިކޮށް އަތުލައިގެންފައިވެ އެވެ. މިއީ ވަކި ދެ ހާދިސާއެއްގައި ހައްޔަރުކޮށްފައިވާ ދެ މީހެކެވެ.
މި އެންމެން މިނިވަންކޮށްފައި މި ވަނީ މިދިޔަ މަހު 19 ވަނަ ދުވަހު ހެދި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުންނެވެ.
މިއަދު މިނިވަންކުރި ރަހީނުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ 602 މީހަކު މިނިވަންކުރާނެ ކަމަށް އެޑްވޮކަސީ ގްރޫޕެއް ކަމަށްވާ، ފަލަސްތީން ޕްރިޒަނާސް ކްލަބުން ވަނީ ބުނެފަ އެވެ. މި މީހުންގެ ތެރެއިން 445 މީހުންނަކީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާ ދިނުމާ އެކު ޣައްޒާއިން ހައްޔަރުކުރި މީހުން ކަމަށެވެ. ދިގު މުއްދަތުގެ ހުކުމްތައް ތަންފީޒުކުރާ 60 މީހަކު ވެސް މިނިވަންކުރަން ނިންމާފައިވާ ކަމާށާއި އޭގެ ތެރެއިން 50 މީހުންނަކީ އުމުރު ދުވަހުގެ ހުކުމުގައި ތިބި މީހުން ކަމަށް ވެސް ބުންޏެވެ.
ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން މިނިވަންކުރުމަށް ކަނޑައެޅީ އިޒްރޭލުގެ 33 ރަހީނުންނެވެ. މީގެ ކުރިން ވަނީ، ދިރިހުރި، 19 މީހަކު މިނިވަންކޮށްފަ އެވެ. އަދި އެ މީހުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން އެތައް ސަތޭކަ ބަޔަކު ވަނީ މިނިވަންކޮށްފަ އެވެ. އިޒްރޭލުން ވަނީ 33 ރަހީނުންގެ ބަދަލުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 1،900 މީހަކު މިނިވަންކުރަން އެއްބަސްވެފަ އެވެ.