ލިވަޕޫލް ގަދަ ހަތަރެއްގެ އުއްމީދު ބޮޑުކޮށްފި
ލިވަޕޫލް ގަދަ ހަތަރެއްގެ އުއްމީދު ބޮޑުކޮށްފި

ލިވަޕޫލް (މާޗް 13) - ފަހަތުން އަރައި ބާންލީ އަތުން 2-1 އިން ހޯދި އުނދަގޫ މޮޅާ އެކު ލިވަޕޫލް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ނިންމާލުމުގެ އުއްމީދު ބޮޑު ކޮށްފި އެވެ.

ރޭގެ މޮޅާ އެކު ލިވަޕޫލް ލީގުގެ ހަތަރު ވަނައިގައި އޮތީ 28 މެޗުން 55 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް އާސެނަލަށް 26 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ. އަދި ހަ ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 26 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ.

މި ސީޒަނުގައި ބާންލީ ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް އަތުން 2-0 އިން މޮޅުވެފަ އެވެ. ލީގުގައި ބާންލީ ކުޅުނު ދެ މެޗުން ލިވަޕޫލް ބަލިކުރީ 1930 ވަނަ އަހަރު އެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ބާންލީންނެވެ. މި ލަނޑު މެޗުގެ ހަތް ވަނަ މިނިޓްގައި ކާމިޔާބުކުރީ މެތިއު ލޯޓަން ނަގައިދިން ހުރަހަކުން އެޝްލީ ބާންސް އެވެ.

ފުރަތަމަ ހާފްގައި ލިވަޕޫލަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އަނިޔާގެ ސަބަބުން ލިވަޕޫލްގެ އެއް ނަންބަރު ފޯވާޑް ރޮބާޓޯ ފިރްމީނޯ ނުލައި ކުޅުނު މި މެޗުގައި އެ ޓީމުގެ އެޓޭކް ފެނުނީ ވަރަށް ދަށްކޮށެވެ. ލިވަޕޫލަށް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އެއްވަރުކޮށްދިނީ ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ.

ފުރަތަމަ ހާފާ ހިލާފަށް ލިވަޕޫލުން ދެ ވަނަ ހާފްގައި ކުޅުން ރަނގަޅުކުރި އެވެ. މި ހާފްގައި ވެސް ބާންލީން ވަނީ ރަނގަޅަށް ކުޅެފަ އެވެ. އެހެން ނަމަވެސް އިތުރު ލަނޑެއް ޖެހޭ ގޮތެއްނުވި އެވެ.

ލިވަޕޫލް މޮޅުކޮށްދިން ލަނޑު މެޗުގެ 61 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޖަރުމަނުގެ މިޑްފީލްޑަރު އެމްރޭ ޗާން އެވެ. މިއީ މި ސީޒަނުގައި ޗާން ޖެހި ހަތަރު ވަނަ ލަނޑެވެ. ތިން ވަނަ ލަނޑެއް ޖަހަން ލިވަޕޫލްގެ ސަޑިއޯ މާނޭ އަށް ހުސް ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ބާންލީ ކީޕަރު ޓޮމް ހީޓަން ވަނީ މަތަކޮށްފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ މިއީ ލީގުގައި ދަށްކޮށް ކުޅެގެން ލިވަޕޫލަށް މެޗެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

"އަހަރެމެން މި ސީޒަނުގައި ވަރަށް މޮޅަށް ކުޅުނު މެޗުތަކުން ވެސް މޮޅުނުވެ ނިމިފައި އެބަހުރި. އެކަމަކު ދަށްކޮށް ކުޅޭ ދުވަހަކު މޮޅުވި ފުރަތަމަ މެޗު މިއީ. މިއީ އަހަރެމެންގެ މަސައްކަތަށް ބަލާއިރު މޮޅެއް ހައްގު މެޗެއް،" ކްލޮޕް ބުންޏެވެ.

އޭނާ ބުނީ ގަދަ ހަތަރެއްގައި އޮވެގެން ސީޒަން ނިންމާލަން އެންމެ ފަހު މެޗާ ހަމައަށް ހިތްވަރު ކުރާނެ ކަމަށެވެ.