22 ފެބުރުއަރީ 2025 - 07:46

ކުރިއަށް އޮތް ރޯދަމަހަށް ސަރުކާރުން ދޫކުރާ މަސްދަޅުތައް މާލެ ސަރަހައްދުގައި ބެހުމަށްޓަކައި ޓޯކަން ނިޒާމެއް ތައާރަފު ކުރަން ލޯކަލް ގަވަމެންޓް މިނިސްޓްރީން ނިންމައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ބަހަން ފެށުމުން ކޮޅު ނުފެންނަ ވަރުގެ ބޮޑު ކިއޫއެއްގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ޝަކުވާ އާއި ހިތްހަމަނުޖެހުން ވަރަށް ބޮޑުވުމާ އެކު، އިންތިޒާމުތައް ފަސޭހަ ކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެހެންވެ، ލޯކަލް ގަވަމެންޓް މިނިސްޓްރީން ރޭ ބުނީ، އޮންލައިން ނިޒާމެއްގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށެވެ.

"މި ނިޒާމުގެ ތެރެއިން ވަކި ރެއަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެއެއްގައި އެ މަރުކަޒުން އެ ބޭފުޅަކަށް މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ،" އެ މިނިސްޓްރީގެ ނޫސްބަޔާނުގައި ވެ އެވެ.

އެ މިނިސްޓްރީން ބުނީ، ޓޯކަން ދޫކުރުމުގެ ނިޒާމުގެ ތަފުސީލް ފަހުން އިއުލާން ކުރާނެ ކަމަށެވެ. އެކަމަކު މިހާރު ނިންމާފައިވާ ގޮތުން އެކި މަރުކަޒުތަކުން ޓޯކަން ދޫކުރާނީ އެކި އަދަދުތަކަށެވެ.

މިއީ ހޫނުގަދަ މޫސުމަކަށް ވާތީ ސަރުކާރުން ނިންމީ ރޭގަނޑު މަސްދަޅުތައް ދޫކުރާށެވެ. ގަޑިއަކީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ރޭގަނޑު 8 އިން އެ ރެއްގެ 12 ޖަހަންދެންނެވެ.

1- މިފްކޯ މައި އިމާރާތް- 200 ޓޯކަން

2- އެމްޓީސީސީ ސޯމިލް- 200 ޓޯކަން
3- ހެންވޭރު ދަނޑު- 100 ޓޯކަން
4- ގަލޮޅު ދަނޑު (ސެޓަޕް 1) 50 ޓޯކަން
5- ގަލޮޅު ދަނޑު (ސެޓަޕް 2) 50 ޓޯކަން
6- ގަލޮޅު ދަނޑު (ސެޓަޕް 3) 50 ޓޯކަން
7- ގަލޮޅު ދަނޑު (ސެޓަޕް 4) 50 ޓޯކަން
8- ސޯޝަލް ސެންޓަރު- 100 ޓޯކަން
9- ވިލިމާލެ، ވެމްކޯ ސައިޓް- 100 ޓޯކަން
10- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިންގް- 100 ޓޯކަން
11- ހުޅުމާލެ، ޕޮލްކޯ ޓަވަރު (ސީ ބްލޮކް) 100 ޓޯކަން
12- ހުޅުމާލެ ހިޔާ ޓަވަރު 10- 100 ޓޯކަން
13- ހުޅުމާލެ، ކާމިލް ދީދީ ޕްރީ ސްކޫލް- 100 ޓޯކަން
ސަރުކާރުން ބުނިގޮތުގައި މަސްދަޅު ކޭސްތައް ބަލައި ދާއިރު އެއް މަހުގެ ކަރަންޓު ބިލާައި އައިޑީ ކާޑު ގެންދަން ޖެހޭނެ އެވެ. އެކަކަށް ގިނަ ވެގެން ދޫކުރާނީ ތިން މީޓަރަށް ތިން މަސްދަޅު ކޭސް ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުުންޏެވެ.
އެ މިނިސްޓްރީން ބުނީ ހުރިހާ ގެއަކަށް މަސްދަޅު ދޫކުރެވެންދެން އެކަން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން އޮންލައިން ނިޒާމުގެ ތެރެއިން މަސްދަޅު ދޫކުރާއިރު، މޮބައިލް ފޯނު ބޭނުންކުރަން ދަތި މީހުންނަށް ވެސް އެއްވެސް ދައްޗެއް ނެތި މަސްދަޅު ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުންޏެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނީ، މަސްދަޅު ކޭސްތައް ދޫކުރުމުގެ އިންތިޒާމުތައް ރަނގަޅުކުރަން އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ގާތުން ބަލަމުންދާނެ ކަމަށެވެ.