އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު 9 ގައި ބާއްވަނީ
އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު 9 ގައި ބާއްވަނީ

އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން އިއުލާނުކޮށްފި އެވެ.

އެ ކުންފުނިން ނެރުނު އިއުލާނުގައި ބުނީ މި އަހަރުގެ ޖަލްސާ ބާއްވަން ހަމަޖެހިފައިވާ އެ ކުންފުނީގެ ހެޑް ކުއާޓާސްއަށް ހާޒިރުވެގެން ނުވަތަ އޮންލައިންކޮށް ވެސް ޖަލްސާގައ ބައިވެރިވެވޭނެ ކަމަށެވެ. ޖަލްސާ ބައްވާ ތަނަށް ހާޒިރުވެގެން ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 50 ހިއްސާދާރުންނަށް ކަމަށް ބުންޏެވެ.

އުރީދޫގެ އަހަރީ އާއްމު ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް "ފަހިވޯޓު" ޕޯޓަލް މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މޯލްޑިވްސް ސެކިއުރެޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޑީއެމްއެސްޑީގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމެންޓް ސިސްޓަމް 'ފަހިވޯޓު' މެދުވެރިކޮށް ބައިވެރިވުމުގެ މައުލޫމާތު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ހަވީރު 6 ގެ ކުރިން އަންގާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ވެވޭނީ އުރީދޫގެ ހެޑް އޮފީހުން ކަމަށެވެ.

ޖަލްސާގައި ބައިވެރިވެވޭނީ މާޗު މަހުގެ ހަތް ވަނަ ދުވަހުގެ ރޭގަނޑު 9:30 އާ ހަމައަށް ރެޖިސްޓްރީކުރާ މީހުންނަށެވެ.

އޭޖީއެމްގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހިއްސާދާރުން ޖަލްސާގައި ބައިވެރިވާން ބޭނުންވާ ނަމަ އޮންލައިން ސިސްޓަމް 'އިންފިނިޓީ' މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

މި އަހަރުގެ އޭޖީއެމްގައި ބައިވެރިވެވޭނީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް އުރީދޫގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ.

އުރީދޫގެ އޭޖީއެމްއާ ގުޅޭ މައުލޫމާތުތައް އެ ކުންފުނީގެ ވެބްސައިޓުން ލިބޭނެ އެވެ.