21 ފެބުރުއަރީ 2025 - 14:01

ލަންކާއާ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިިތުރަށް ބަދަހިކުރުމަށް އާ މަގުތަކެއް ހޯދުމުގެ ޝައުގުވެރިކަން ރާއްޖެއިން ފާޅުކޮށްފި އެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުގައި ވަނީ އެ ގައުމުގެ ލަންކާގެ ރައީސް އަނޫރާ ކުމަރާ ދިސަޔަންކާއާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އާ މަގުތައް ހޯދުމުގެ ޝައުގުވެރިކަން ރާއްޖެއިން ފާޅުކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ލަންކާގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކޮށްދެމުން އަންނަ މަސައްކަތްތަކާއި އެހީތެރިކަމަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އަނޫރާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ، ލަންކާގެ އާ ސަރުކާރުން އިންތިހާބުގައި ހޯދި ކާމިޔާބީ އަދި އެ ގައުމަށް ގެންނަ ހެޔޮ ބަދަލުތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އުޖާލާ މުސްތަގުބަލަކަށްޓަކައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރާނެ ކަމަށް އަނޫރާ ވިދާޅުވި އެވެ.
ރާއްޖެއާ ލަންކާއިން ސިޔާސީ ގުޅުން ގާއިމްކުރީ މީގެ 60 ވަރަކަށް އަހަރުކުރިން، ޖުލައި 26، 1965 ގަ އެވެ.