21 ފެބުރުއަރީ 2025 - 14:13

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ލަންކާއަށް ކުރައްވާ ރަސްމީ ދަތުރާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ މީހަކު އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "ނަދީޝް ޕެރެރާ" ނަމަކަށް ކިޔާ މީހަކު ފޮރިން މިނިސްޓަރަށް އިންޒާރު ދިން މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާތީ، ގުޅުން ހުރި އިދާރާތަކާ އެކު ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އެ ފިިރިހެނަކީ ކުރިން ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި އުޅުނު މީހެކެވެ. އެ ދެ މީހުންގެ ކައިވެންޏަށް ކުއްޖަކު ވެސް ހުރެ އެވެ. އެކަމަކު، ފަހުން އޭނާ ރާއްޖެ އެތެރެވާން އުޅުމުން، އެ ފުރުސަތު ނުދީ ޑީޕޯޓުކޮށްލީ އެވެ.
ނަދީޝްގެ ލޯޔަރުންނާ ހަވާލާދީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މެއި 24، 2024 ގައި އޭނާ ޓޫރިސްޓު ވިސާގައި އެތެރެވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރިއަސް، ވަކީލުންނާ ބައްދަލުކުރަން ވެސް ފުރުސަތު ނުދީ ފޮނުވާލީ ކަމަށެވެ. ވަކީލުން މެދުވެރިކޮށް ފަހުން މައުލޫމާތު ހޯދިއިރު، އެ ފިރިހެން މީހާ ޑީޕޯޓުކޮށްލިކަން އެނގުނު ކަމަށާއި އެކަން ކުރީ ގެވެށި އަނިޔާއިން އޭނާގެ ކުރީގެ އަންހެނުން ސަލާމަތްކުރަން ކަމަށް ވެސް ބުނެފައިވެ އެވެ.
އެކަމަކު، ފުލުހުންނަށް ވެސް ނަދީޝްއާ ގުޅޭ ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއް ރިޕޯޓުކޮށްފައިނުވާ ކަމަށް ވަކީލުންގެ ބަޔާނުގައިވެ އެވެ.
ހަލީލް ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރާ ގުޅުވައިގެން ނަދީޝް ވަނީ އެކްސްގައި އިންޒާރުގެ އެތައް ޕޯސްޓެއްކޮށްފަ އެވެ. އޭގެ އެއް ޕޯސްޓުގައި ބުނެފައިވަނީ، ހޮޓަލުގެ ކޮޓަރީގައި ހުންނަވާއިރު ސަމާލުވެ ހުންނެވުމަށާއި ރޫމް ބޯއި ނުވަތަ ވެއިޓަރެއްގެ ގޮތުގައި އޭނައާ މަރު ބައްދަލުކޮށްފާނެ ކަމަށެވެ.
އެހެން ޕޯސްޓެއްގައި ނަދީޝް ވަނީ ލަންކާގައި މިނިސްޓަރު އިންނަވާ ކާރު ފުރޮޅާލައިގެން ގޮސް އަލިފާނުން އުފެދޭ ކާބަންމޮނޮއޮކްސައިޑު ހަށިގަނޑުގެ ތެރެއަށް ވަދެ، މަރުވުމުގެ ސަބަބެއް ކަމަށް ވެދާތޯ ސުވާލު އުފައްދައިފަ އެވެ.
"ޑްރައިވަރު ދުއްވަން ވާނީ ސަމާލުކަން ދީގެން،" ކުރިއަށް އޮތް ދުވަސްތަކުގައި ލަންކާގެ ދެ މީހަކާ ފޮރިން މިނިސްޓަރު ބައްދަލުކުރަންޖެހޭނެ ކަމަށް ބުނެ، ކޮށްފައިވާ ޕޯސްޓުގައިވެ އެވެ.
ނަދީޝް ޑީޕޯޓުކޮށްލުމުން ދަނީ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދަށް ވެސް އިންޒާރުތަކާއެކު އެކި ތުހުމަތުތައް ކުރަމުންނެވެ.