ކަރިޝްމާ އެންމެފަހުން ހުސްހަށިބައި ވެއްޖެ
ކަރިޝްމާ އެންމެފަހުން ހުސްހަށިބައި ވެއްޖެ

ބޮލީވުޑް ފިލްމުތަކުގެ ބަތަލާ ކަރިޝްމާ ކަޕޫރުގެ 11 އަހަރުވީ ކައިވެނީގައި އިއްޔެ ވަނީ ނިމުމުގެ ސިއްކަ ޖެހިފަ އެވެ. އިންޑިއާގެ ފެމެލީ ކޯޓަކުން އިއްޔެ ވަނީ ކަރިޝްމާ އާއި ސަންޖޭ ވަރިކޮށްދީފަ އެވެ.

ދިއްލީގެ ވިޔަފާރިވެރިއެއް ކަމަށްވާ ސަންޖޭ ގާޓުން ވަރިވާން ކަރިޝްމާ މަސައްކަތްކުރާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި ދެ މީހުން މައްސަލަ ޖެހި ދެ ކުދިން ގޮވައިގެން ކަރިޝްމާ އޭނާގެ މައިންބަފައިން ކައިރީގައި އުޅޭތާ ވެސް މިހާރު ތިން އަހަރު ވެއްޖެ އެވެ.

ފާއިތުވީ ތަނުގައި މި ދެ މީހުންގެ ވަރީގެ ކަންތައް ވަރަށް ހުތުރުކޮށް ދިޔައީ އެކަކު އަނެކަކުގެ ބޮލުގައި އިލްޒާމްތައް އަޅުވައި ވާހަކަ ދައްކަން ފެށުމުން އިންޑިއާގެ މީޑިއާތަކުން މިވާހަކަތައް އަބަދު ކަހަލަ ގޮތަކަށް ފެންނަމުން ދިއުމުންނެވެ.

ކޯޓުގައި ވަރީގެ މައްސަލަ ހިނގަމުންދިޔައިރު ސަންޖޭ ބުނެފައި ވަނީ ކަރިޝްމާ އޭނާއާ ކައިވެނިކުރީ ފައިސާގެ ދަހިވެތިކަމުގައި ކަމަށެވެ. އޭގެ ފަހުން ކަރިޝްމާގެ ބައްޕަ ރަންދީރު ކަޕޫރު ވަނީ ސަންޖޭއާ ކަރިޝްމާ ކައިވެނިކުރަން އޭނާ އެއް އިރެއްގައިވެސް ގަބޫލު ނޫން ކަމަށް ބުނެ ރައްދު ދީފަ އެވެ.

ހުރިހާ އަރާރުމަކަށް ފަހު ވެސް ކޯޓުން ވަރީގެ ކަންތައް ނިންމުމުން މިހާރު ކަރިޝްމާ އާއި ސަންޖޭއަށް އަދި ދެފަރާތުގެ އާއިލާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ކަމަށް ބެލެވެ އެވެ.

ކަރިޝްމާ އާއި ސަންޖޭ އެއްބަސްވެފައިވާ ގޮތުން ކުދިން ބަލާނީ ކަރިޝްމާ އެވެ. ސަންޖޭ އެކުދިންނަށް ޚަރަދު ދޭނެ އެވެ. އަދި އޭނާ ބޭނުން ވަގުތުތަކުގައި ކުދިންނާ ބައްދަލުކުރުމުގެ ފުރުސަތު ކަރިޝްމާ ދޭން ޖެހެ އެވެ.