20 ފެބުރުއަރީ 2025 - 11:07

ރާއްޖޭގެ ތާރީހާއި ސަގާފަތާއި މާހައުލާ ގުޅޭ ގޮތަށް ޑިޒައިން ކޮށްފައިވާ މިސްކިތްތަކެއް ހަ ރަށެއްގައި އިމާރާތް ކުރަން ސަރުކާރުން މި އަހަރު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރިޔަން ޕްރައިވެޓް ލިމިޓެޑުން ޑޒައިން ކޮށްފައިވާ އެ މިސްކިތްތައް އިމާރާތް ކުރަނީ އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ހއ. ބާރަށާއި އއ. ރަސްދު އާއި އދ. ފެންފުއްޓާއި ފ. ފީއައްޔާއި ތ. ވޭމަންޑޫ އަދި ގދ. މަޑަވެލީގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެ މިސްކިތްތަކުގެ މަސައްކަތް ކުރިއަށް އޮތް ރޯދަމަހުގެ ފަހުން ފަށައި މި އަހަރު ނިންމާނެ ކަމަށެވެ. އެ ތަންތަނުގައި ސޯލާ އާއި އޭސީ ހަރުކޮށް، ނެވިލޯން ވެސް އަޅާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މިސްކިތްތަށް ޑިޒައިން ކޮށްފައި ވަނީ ކޮންމެ މިސްކިތެއްގައި ވެސް ގުރުއާން ކިޔަވައި ދިނުމަށް ކްލާސް ރޫމް ވެސް ހިމެނޭ ގޮތަށެވެ.
އަލަށް އިމާރާތް ކުރަނީ 300، 500 އަދި 700 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތްތަކެކެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، އެންމެން ވެގެން މިސްކިތްތައް އިމާރާތް ކުރަން ކުރިއަށް އޮތް ރޯދަމަހު ފުރުސަތު ހުޅުވައިލަށް ހިތަށް އަރާ ކަމަށެވެ.
"މިސާލަކަށް އާ ޑިޒައިންގެ 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަރަދުވާނީ ބީއޯކިއުގައިވާ ގޮތުން 6 މިލިއަން ރުފިޔާ. މި އަދަދު 6،000 މީހުން ވެގެން ނަމަ އެއީ މީހަކަށް 1،000ރ. ކިހާ ގިނަ ސަވާބު ލިބޭނެ ކަމެއް މިއީ،" މިނިސްޓަރު ވިދާޅުވި އެވެ.
އަމިއްލަ ޖަމިއްޔާއަކުން އެކަމަށް އިސް ނަގައި ކެމްޕޭނެއް ކުރިއަށް ގެންދާ ނަމަ، މިނިސްޓްރީން އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. ނުވަތަ ތަނަވަސް މީހުން ގުޅިގެން މިސްކިތް އަޅަން ބޭނުން ނަމަ އެކަމަށް ވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، އަލަށް އިމާރާތްކުރަން ފަށާ ހަ މިސްކިތާ އެކު، 35 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ.
"އަދި އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީގައި 12 މަޝްރޫއެއް އެބަ ކުރިއަށް ދޭ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، 42 ރަށެއްގައި މިސްކިތްތަށް އަޅަން ޖެހެ އެވެ.