19 ފެބުރުއަރީ 2025 - 15:38

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު މާލެއިން ބިމެއް ބައްލަވައިގެންފި އެވެ.
މާލެއިން 1،066 އަކަފޫޓުގެ ބިމެއް މަލީހް ބައްލަވައިގަތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ތިން ބޭފުޅުން ހިމެނޭހެން ހަތަރު މީހެއްގެ ނަމުގަ އެވެ. ޖަމީލާއި މަލީހަކީ އާއިލީ ގޮތުން ގާތް ބޭފުޅުންނެވެ.
އެ ބިން ގަތީ 8 މިލިއަން ރުފިޔާއަށް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.
މައްޗަންގޮޅީގައި އޮތް އެ ބިމުގެ އަގު ވެރިފަރާތަށް ދައްކާފައިވާތީ، އެ ބިން މަލީހާއި ޖަމީލްގެ ތިން ބޭފުޅުންނަށް މިލްކުވެފައިވާ ކަމަށް ސިވިލް ކޯޓުން ނިންމީ މިދިޔަ ހަފުތާގަ އެވެ.
މަލީހަކީ ކުރީގެ ސަރުކާރުގައި ކޮމިއުނިކޭޝަން މިނިސްޓަރު ކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ މިހާރު ގެންދަވަނީ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.