ފަނޑިިޔާރުންނާ ގުޅޭ ގޮތުން އެންމެ ގިނައީ އިންޓެގްރިޓީގެ މައްސަލަތައް
ފަނޑިިޔާރުންނާ ގުޅޭ ގޮތުން އެންމެ ގިނައީ އިންޓެގްރިޓީގެ މައްސަލަތައް

ފަނޑިޔާރުންނާ ގުޅޭ ގޮތުން އެންމެ ގިނައިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި، ބަލަމުންދަނީ އިންޓަގްރިޓީއާ ޚިލާފްވުމުގެ މައްސަލަތައް ކަމަށް އެ ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޖޭއެސްސީން މިއަދު އާންމު ކުރި އެ ކޮމިޝަންގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ފަނޑިޔާރުންނާ ގުޅޭ ގޮތުން އެ ކޮމިޝަނަށް 36 މައްސަލައެއް ހުށަހެޅި އިރު އޭގެ ތެރެއިން 28 މައްސަލައަކީ ފަނޑިޔާރުން އިންޓަގްރިޓީއާ ޚިލާފްވި ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެވެ. އޭގެ ކުރިން 2015 ގައި ވެސް އެންމެ ގިނަ އިން ހުށަހެޅީ އެފަދަ މައްސަލަތައް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

މީގެ އިތުރުން ފަނޑިޔާރުން ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ބުނެ ހުށަހެޅި ތިން މައްސަލައަކާއި ސިޔާސީ ހަރަކާތެއްގައި ފަނޑިިޔާރަކު ބައިވެރިވި ކަމަށް ބުނެ ހުށަހެޅި މައްސަލައަކާއި އަޚުލާގު ނެތް ކަމަށް ބުނެ ހުށަހެޅި މައްސަލައެއް އަދި ގާނޫނާ ޚިލާފްވި ކަމަށް ބުނާ ތިން މައްސަލައެއް ވެސް އެ ކޮމިޝަނަށް މިދިޔަ އަހަރު ހުށަހެޅި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކާއި 2015 ވަނަ އަހަރު ނިމުނުއިރު އެ ކޮމިޝަންގައި ބާކީ ހުރި މައްސަލަތަކާ އެކު 135 މައްސަލައެއް ކޮމިޝަނުން މިދިޔަ އަހަރު ބެލި އިރު އޭގެ ތެރެއިން 29 މައްސަލައެއް ވަނީ ނިންމައިފަ އެވެ. ބާކީ 109 މައްސަލަ ބަލަމުންދާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރަކީ ވޭތުވެ ދިޔަ ތިން އަހަރުގެ ތެރެއިން އެންމެ ގިނަ ފަނޑިޔާރުންގެ މަގާމު ބަދަލުކޮށް އަދި މަސައްކަތް ކުރި ކޯޓު ބަދަލުކުރި އަދި އެންމެ ގިނަ ފަނޑިޔާރުން އިސްތިއުފާ ދެއްވި އަހަރެވެ. މިދިޔަ އަހަރު 12 ފަނޑިޔާރެއްގެ މަގާމު ބަދަލު ކުރި އިރު 13 ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓު ވަނީ ބަދަލުކޮށްފަ އެވެ. އަދި ތިން ފަނޑިޔާރަކު މިދިޔަ އަހަރު އިސްތިއުފާ ދެއްވި އެވެ.