12 މާޗް 2017 - 16:16

ވޮޝިންޓަން (މާޗް 12) - އިސްތިއުފާ ދިނުމަށް އެންގުމުން ދެކޮޅު ހެދި ނިއު ޔޯކުގެ ފެޑެރަލް ޕްރޮސެކިއުޓާ ޕްރީތު ބަރާރާ އެންމެ ފަހުން ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުން މަގާމުން ދުރުކޮށްފި އެވެ.
ބަރާރާއާ އެކު އިތުރު 45 އެޓާނީ އަކު މަގާމުން އިސްތިއުފާ ދިނުމަށް ޖަސްޓިސް ޑިޕާޓްމަންޓުން އެންގީ އެ މީހުންނަކީ ރައީސް ބަރަކް އޮބާމާ އައްޔަން ކޮށްފައިވާ ބަޔަކަށްވާތީ އެވެ.
"އަޅުގަނޑު އިސްތިއުފާއެއް ނުދެން. އެކަމަކު ކުޑަ ވަގުތުކޮޅެއް ކުރިން އަޅުގަނޑު ވަނީ މަގާމުން ދުރުކޮށްފައި،" އިންޑިއާ އަށް އުފަން ބަރާރާ ޓްވީޓް ކުރައްވާފައިވެ އެވެ.
އޭނާ ވިދާޅުވީ ސައުތު ޑިސްޓްރިކްޓް ނިއު ޔޯކުގެ އެޓާނީއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އޭނާގެ ޕްރޮފެޝަނަލް ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފް ކަމަށެވެ.
ރިޔާސީ އިންތިޚާބަށް ފަހު ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުވުމުން ބަރާރާ މަގާމުގައި ހުރުމަށް ޓްރަމްޕް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ބަރާރާ ވެސް ވަނީ އެގޮތަށް އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދޭން ޖެހޭ ޕްރޮސެކިއުޓަރުންގެ ލިސްޓް ހުކުރު ދުވަހު ނެރުނު އިރު ބަރާރާގެ ނަން ވަނީ ހިމަނައިފަ އެވެ. މިއީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ.
ކުރީގެ ރައީސުން އައްޔަން ކޮށްފައިވާ މަގާމުތަކުން މީހުން އިސްތިއުފާ ދިނުމަށް ފަހުގެ ރައީސް އެންގެވުމަކީ އާއްމު ކަމެކެވެ. ނަމަވެސް އެއް ފަހަރާ މިހާ ގިނަ މީހުން އިސްތިއުފާ ދިނުމަށް އެންގުމުން ބައެއް މީހުންގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ. ނިއު ޔޯކުގެ އެޓާނީ ޖެނެރަލް އެރިކް ޝްނައިޑަމަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ 40 އަށް ވުރެ ގިނަ އެޓާނީން އެއްފަހަރާ މަގާމުން ދުރުކުރުމުން ފެޑެރަލް ސަރުކާރު އޮޅުންގަނޑެއްގެ ތެރޭގައިވާ ކަމަށެވެ.
ބަރާރާ ވަނީ ވަރަށް ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވައިގެން މަޝްހޫރުކަން ހޯއްދަވައިފަ އެވެ. އޭނާ މިހާރު ހަވާލުވެފައިވާ މައްސަލަތަކުގެ ތެރޭގައި ނިއު ޔޯކުގެ މޭޔަރު ބިލް ޑި ބްލާސިއޯގެ ފަންޑްރެއިޒިން މައްސަލައެއް ހިމެނެ އެވެ.