13 މާޗް 2017 - 06:15

މަދޮށިޕް ސްޓޫޑިއޯ އިން ހަދާ ފުރަތަމަ ފީޗާ ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަން ކަމަށާއި އަމާޒަކީ މި އަހަރު ފިލްމް ސްކްރީނަށް ގެނައުން ކަމަށް އެ ސްޓޫޑިއޯ އިން ބުނެފި އެވެ.
ވާކިން ޓައިޓްލްއެއްގެ ގޮތުގައި "ބަގަޅޭ" ހަމަޖައްސައިފައިވާ މި ފިލްމަކީ މަދޮށިޕުން މިދިޔަ އަހަރު އިއުލާން ކުރި ޕްރޮޖެކްޓެކެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ނުފެށި އޮތީ، ފައިނޭންސް ކުރާނެ ބަޔަކު އަދިވެސް ހޯދަމުން އަންނާތީ ކަމަށް އެ ސްޓޫޑިއޯ އިން ބުންޏެވެ.
މަދޮށިޕަކީ އާޓާ ގުޅުން ހުރި ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ސްޓޫޑިއޯ އެވެ. ޝްވެކް ސިނަމާގައި މިހާރު އޮތް "ވިޝްކާ" ގެ ސިނަމޮޓޮގްރަފީގެ އިތުރުން ފިލްމުގެ މައިގަނޑު ޓެކްނިކަލް މަސައްކަތްތައްކޮށްފައި ވަނީ މަދޮށިޕުންނެވެ.
"އަހަރެމެން މިހާރު ރާވައިގެން މިތިބީ އަންނަ މަހުގެ ތެރޭގައި. ފިލްމުގެ ޝޫޓިން ފަށައި، މެއި މަހުގެ ތެރޭގައި ނިންމާލަން،" މަދޮށިފްގެ ޓީމްގައި ހިމެނޭ "ވިޝްކާ" ގެ ސިނަމޮޓޮގްފަރު ޝާމިން ނިޒާމް ބުންޏެވެ. "ކުރިއަށް އޮތް ތަނުގައި އަހަރެމެން ފިލްމް ހަދަން ޕްލޭންކޮށްފައިވާތީ އަސްލު ވިޝްކާއަކީ ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް. އޭގެ ބޭނުން ހިފާނަން ކުރިއަށް އޮތް ތަނުގައި."
"ބަގަޅޭ" އަކީ ފިލްމުގައި މައި ކެރެކްޓާއެއް ކިޔާ ނަމެވެ. މީގައި ދައްކުވައި ދޭނީ 18 އަހަރުގެ ޒުވާނަކަށް މުޖުތައު ތެރެއިން ދިމާވާ ކަންތައްތަކެވެ.
"ބަގަޅޭ" ލިޔެ، ޑައިރެކްޓް ކުރަނީ ފީޗާ ފިލްމެއްގެ މަސައްކަތަށް މުޅިން އާ މީހެކެވެ. އެއީ އަހުމަދު ސައީދު (އަންދު) އެވެ. އެކަމަކު އޭނާއަކީ ފިލްމް މޭކިން ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ޒުވާނެކެވެ.
ޝާމިން ބުނީ "ބަގަޅޭ" ވެގެން ދާނީ ފިލްމް މޭކިން ކިޔަވައިގެން ތިބި ގިނަ ބައެއްގެ މަސައްކަތް ފެނިގެން ދާނެ ފިލްމަކަަށް ކަމަށެވެ.
"މީގެ ކާސްޓުންގެ ގޮތުގައި ވެސް އާ މީހުން ފެނިގެން ދާނީ،" އޭނާ ބުންޏެވެ. "ފިލްމުގެ ސްކްރީންޕްލޭ އާއި މައިގަނޑު ކާސްޓުން ވެސް މިހާރު ފައިނަލް ކުރެވިފައި އޮތީ. އެހެންވީމާ ފައިނޭންސް އެއްކޮށް ހަމަޖެހުނީމަ ހަމަ ފިލްމުގެ ޝޫޓިން ފަށާ ހިސާބުގައި މިހާރު މިއޮތީ."
މި އަހަރުގެ ތެރޭގައި "ބަގަޅޭ" ސިނަމާ އަށް ގެންނަން ނިންމި ނަމަވެސް، އަދި ވަކި ތާރީހެއް މަދޮށިޕުން ނުނިންމަ އެވެ.