16 ފެބުރުއަރީ 2025 - 20:20

ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންނަށް ޖާސުސްކުރާކަމުގެ ތުހުމަތުގައި ސަސްޕެންޑުކޮށްފައި ތިބި ދެ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވެއްޖެ އެވެ.
އެ ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ސަސްޕެންޝަނުގައި ބެއިތިއްބުމަށް ފަހު އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅޭ ގޮތުން ޖަވާބުދާރީވާން ފޮނުވުމުން މިދިޔަ ހަފުތާގައި އަމިއްލައަށް ވަޒީފާއިން ވަކިވާން ހުށަހަޅާފައިވާ ކަމަށެވެ.
އެއީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ޑިރެކްޓާ ޖެނެރަލް ހަސަން ފާރިޝް ރަޝީދު އަދި ޑާޓާ ސެންޓާ އިންޖީނިއަރިންގެ ކޮންސަލްޓަންޓު މުހައްމަދު އަދުހަމް މޫސާ އެވެ.
އެ ދެ މީހުންނަށް ތުހުމަތުވާ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ސީއެސްސީގެ މުވައްޒަފުންނަށް ޖާސޫސްކުރަމުން ދިޔައީ ކޮމްޕިއުޓަރު ސިސްޓަމްތަކަށް ސޮފްޓްވެއާއެއް އަޅައިގެން، އެއިން ކުރާ ހުރިހާ މުއާމަލާތައި ބޭނުންކުރާ ޕާސްވޯޑްތައް ވެސް އެނގޭ ގޮތަށެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެކަން ފަޅާއެރިއިރު ޖާސޫސްކުރާތާ ދެ އަހަރުވެއްޖެ އެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު ދެ މުވައްޒަފުން ސަސްޕެންޑްކުރުމަށް ފަހު ދެ ފަހަރެއްގެ މަތިން އެ މީހުންގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކުރި އެވެ.
ޖާސޫސްކުރާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހަށް ތުހުމަތުކޮށެވެ. ނާސިހު އޭރު ވިދާޅުވީ ޖާސޫސްކުރާކަން އެނގިވަޑައިގަތީ ވެސް މަޖިލީހުން އެކަމާ ގުޅުވައި ސިޓީ ފޮނުވުމުން ކަމަށެވެ.
އެހެންވެ، އެކަމާ ގުޅިގެން އިތުރަށް ބެލިއިރު ތުހުމަތުކުރެވޭ ދެ މުވައްޒަފުން ތިބި ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
މިކަމުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކުރިން ކިޔައިދިން ގޮތުގައި ޖާސޫސްކުރަން ބޭނުންކުރި ސޮފްޓްވެއާ ގަނެފައިވަނީ އެ ކޮމިޝަނުގައި ބޭނުންކުރާ "ވިއުގަ" ސޮފްޓްވެއާއަށް އަންނަ ހަމަލާތަކުން ރައްކާތެރިކޮށްދޭ އެއްޗެއް ކަމަށް ބުނެ ކޮމިޝަންގެ މެމްބަރުންނަށް އޮޅުވާލައިގެންނެވެ.
"މި ސޮފްޓްވެއާއަކީ މުވައްޒަފުން ސިސްޓަމްތަކުންް ކުރާ މަސައްކަތް ރިކޯޑްކުރެވޭ އެއްޗެއް. މުވައްޒަފުން އަމިއްލަ ސިސްޓަމުން އިންޓަނެޓް ބޭންކިން ބޭނުންކުރީމަ އޭގެ ޕާސްވޯޑު ވެސް ސޮފްޓްވެއާ އެޑްމިން ބަލަހައްޓާ އައިޓީއަށް ލިބޭނެ. މުވައްޒަފުންގެ ޕާސަނަލް ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ޕާސްވޯޑު ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.