ވިހެއުމުގެ ތެރޭގައި ކޯމާއަށް ދިޔަ މަންމަ ހަތް އަހަރު ފަހުން ހޭ އަރައިފި
ވިހެއުމުގެ ތެރޭގައި ކޯމާއަށް ދިޔަ މަންމަ ހަތް އަހަރު ފަހުން ހޭ އަރައިފި

ވިހެއުމުގެ ތެރޭގައި ކޯމާއަށް ދިޔަ އަންހެނަކު ހަތް އަހަރު ފަހުން ހޭ އެރުމުން، ޑޮކްޓަރުންނަށް ހައިރާންކަން ލިބިއްޖެ އެވެ.

ވިހެއުމުގެ ތެރޭގައި ކޯމާއަށް ދިޔަ މަންމަ ހަތް އަހަރު ފަހުން ހޭ އަރައިފި
ވިހެއުމުގެ ތެރޭގައި ކޯމާއަށް ދިޔަ މަންމަ ހަތް އަހަރު ފަހުން ހޭ އަރައިފި

ޑާނީޖޭލާ ކޮވަސޭވިކް، 25، އޭނާގެ ދަރިފުޅު މަރީޖާ ވިހެއުމުގެ ތެރޭގައި ހަށިގަނޑަށް ވަން ޖަރާސީމެއްގެ ސަބަބުން ލޭ ވިހަވެ ހާލު ސީރިއަސްވެ ކޯމާއަށް ދިޔައީ 2009 ވަނަ އަހަރު އެވެ.

ސާބިއާގެ އިންޖީޖާ އަށް އުފަން ޑާނީޖޭލާ ކޯމާއަށް ދިއުމުގެ ކުރިން ވިހެއުމުގެ ވޭނުގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވެ އެވެ.

ކުއްލިއަކަށް މިދިޔަ އަހަރު އޭނާ ލޯ ހުޅުވާލި އެވެ. އަދި ބޭހަށް ވެސް އޭނާގެ ހަށިގަނޑު ބަރާބަރަށް ގުޑަން ފެށި އެވެ.

ޑޮކްޓަރުން ވިދާޅުވީ މިހާރު ޑާނީޖޭލާ އަށް ގަލަމާއި ޓެބްލެޓް އަތުން ހިފޭ ކަމަށާއި އިށީނދެ އިނދެގެން އެހެން މީހުންނާ ވާހަކަ ވެސް ދެއްކޭ ކަމަށެވެ.

އޭނާގެ ބައްޕަ ޖޯޖޭ ކޮވޭސެވިކް ބުނި ގޮތުގައި މިހާރު ޑާނީޖޭލާގެ ހާލަތު އެހާ ރަނގަޅު ނޫނަސް ރަނގަޅުވަމުންދާ ކަމުގެ ނިޝާންތައް ފެންނަ ކަމަށެވެ.

"މިހާރު ބަރުދަން ވެސް އެބަ އިތުރުވޭ. އަދި ވާނުވާ ވެސް މިހާރު އޭނާއަށް މާ ރަނގަޅަށް އެނގޭ. އަދި ހަރަކާތްތައް ވެސް މާ ގިނައިން ކުރޭ. ކަންކަމާ ރުޅިއަންނަން އަދި ހިނިތުންވާން އަދި ހިތްހަމަނުޖެހޭ ކަންތައްތައް ހާމަކުރަން ވެސް މިހާރު އެނގޭ،"

ޑާނީޖޭލާ ވެފައި ވަނީ ސާބިއާގައި، ކޯމާގައި އެންމެ ގިނަ ދުވަހު އޮވެފައި ހޭ އެރި މީހާ އަށެވެ. މިހާރު އޭނާ ދަނީ ސިކުނޑީގެ ސެލްތަކުގެ ހިނގުން ވަރުގަދަކުރުމަށްޓަކައި ޖަރުމަނުގެ ރިހެބިލިޓޭޝަން ސެންޓަރެއްގައި ކަސްރަތުކޮށް ވާހަކަ ދެއްކުމުގެ ގާބިލްކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޑާނީޖޭލާގެ ބައްޕަ ބުނި ގޮތުގައި ބަލި ފަސޭހަވާން އެންމެ ތިން މަސް މަދެވެ. ސަބަބަކީ އަތެއް ބިންދައިގެން ދިޔައަސް ތިން މަހެއްހާ ދުވަސް ރަނގަޅުވާން ނަގާއިރު އޭނާގެ ދަރިފުޅުގެ ސިކުނޑީގެ މަރާމާތަށް އެއަށް ވުރެ މާ ގިނަ ދުވަސް ނަގާނެތީ އެވެ.