ބައްޕަގެ ކީޕަރު އަންގި އަތަށް ހެޔޮވަރުކޮށް އަޝްހަމް ދެނީ އުއްމީދު
ބައްޕަގެ ކީޕަރު އަންގި އަތަށް ހެޔޮވަރުކޮށް އަޝްހަމް ދެނީ އުއްމީދު

ކުރީގެ ކީޕަރު އާތިފް އަހުމަދު، ކީޕަރުގެ އަންގި ގަންނަ ކޮންމެ ފަހަރަކު އޭނާގެ ދަރިފުޅު އަޝްހަމް އާތިފަށް ހެޔޮވަރު މިނީ އަންގި ޖޯޑެއް ގެނެސް ދެ އެވެ. ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކީޕަރުގެ އެވޯޑް 2009 ގައި ހޯދި އާތިފް، އެންމެ ފުރަތަމަ ވެސް ހިތް ޖެހުނީ ކީޕަރުގެ މަގާމަށެވެ. އުމުރުފުރާގެ މުބާރާތްތަކުގައި އެންމެ ފުރަތަމަ ވެސް ކުޅުނީ ގޯލަށެވެ.

ބައްޕަގެ ކީޕަރު އަންގި އަތަށް ހެޔޮވަރުކޮށް އަޝްހަމް ދެނީ އުއްމީދު
ބައްޕަގެ ކީޕަރު އަންގި އަތަށް ހެޔޮވަރުކޮށް އަޝްހަމް ދެނީ އުއްމީދު

އެކަމަކު، އަޝްހަމް ތަފާތެވެ. އޭނާ ކުޅެން ފެށީ މިޑްފީލްޑަރަކަށެވެ. އޭނާގެ ހިތްޖެހުނީ ވެސް އެ މަގާމަށެވެ. އިންޓަ ސްކޫލް 2023 ގެ މުބާރާތުގައި އަހުމަދިއްޔާ ސްކޫލްގެ 13 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަން އަޝްހަމަށް ދިނީ ވެސް އެ ޓީމުގައި އޭރު ހުނަރުގެ ގޮތުން ވެސް އެންމެ މޮޅު ކުޅުންތެރިޔާ އަށް އޭނާ ވުމުންނެވެ. އެ މުބާރާތުގެ ފައިނަލަށް އަހުމަދިއްޔާ ގެންގޮސް ދިނުމުގައި ޓީމުގެ ހަމަލާތަކުގައި ބައިވެރިވެ، މުހިންމު ދައުރެއް އޭރުގެ މިޑްފީލްޑަރު އަދާކޮށްދިނެވެ.

ބައްޕަގެ ކީޕަރު އަންގި އަތަށް ހެޔޮވަރުކޮށް އަޝްހަމް ދެނީ އުއްމީދު
ބައްޕަގެ ކީޕަރު އަންގި އަތަށް ހެޔޮވަރުކޮށް އަޝްހަމް ދެނީ އުއްމީދު

މިހާރު އުމުރުން 14 އަހަރުގެ އަޝްހަމް ބުނިގޮތުގައި ކީޕަރަކަށް ކުޅެން އޭރު އެއްގޮތަކަށް ވެސް ނުވިސްނަ އެވެ. އާތިފަކީ ކީޕަރަކަށް ވިޔަސް، ކޮންމެހެން އެ މަގާމަށް އޭނާގެ ދަރިފުޅު ކުޅެން ބާރު އެޅުމުގެ ވިސްނުމެއް ނުގެންގުޅެ އެވެ.

ބައްޕަގެ ކީޕަރު އަންގި އަތަށް ހެޔޮވަރުކޮށް އަޝްހަމް ދެނީ އުއްމީދު
ބައްޕަގެ ކީޕަރު އަންގި އަތަށް ހެޔޮވަރުކޮށް އަޝްހަމް ދެނީ އުއްމީދު

"ބީޗުގައި ކުޅޭއިރު މަޖަލަކަށް ކުޅޭނެ ބައެއް ފަހަރު ކީޕަރަކަށް. އެހެންވެ އަޝްހަމް އަށް ވެސް އަހަރެން އަންގި ގެނެސްދެނީ،" ވިލިމާލޭގައި ދިރިއުޅެމުން އަންނަ އާތިފް ބުންޏެވެ.

ބައްޕަގެ ކީޕަރު އަންގި އަތަށް ހެޔޮވަރުކޮށް އަޝްހަމް ދެނީ އުއްމީދު
ބައްޕަގެ ކީޕަރު އަންގި އަތަށް ހެޔޮވަރުކޮށް އަޝްހަމް ދެނީ އުއްމީދު

ވިލިމާލޭ މުހްޔިއްދީން ސްކޫލަށް ކިޔެވުން ބަދަލުކޮށް، މިދިޔަ އަހަރު އެ ސްކޫލުގެ އިންޓަ ހައުސް މުބާރާތާ ކުރިމަތިލިއިރު އަޝްހަމް ހިމެނުނު ހައުސްގެ ޓީމުގައި ކީޕަރަކު ނެތެވެ. އެހެންވެ، ހައުސް މާސްޓާ ޓީޗަރު އެދުނީ އަޝްހަމް ކީޕަރަކަށް ކުޅެ ދިނުމަށެވެ.

ބައްޕަގެ ކީޕަރު އަންގި އަތަށް ހެޔޮވަރުކޮށް އަޝްހަމް ދެނީ އުއްމީދު
ބައްޕަގެ ކީޕަރު އަންގި އަތަށް ހެޔޮވަރުކޮށް އަޝްހަމް ދެނީ އުއްމީދު

"މިސް އެހެން ބުނީމާ ވެސް ބޭނުމެއް ނުވި ކީޕަރަކަށް ކުޅޭކަށް. އެއީ އަޅުގަނޑު އޭރު ކުޅެނީ ވެސް މިޑްފީލްޑަށް. އެހެންވެ ބޭނުން ނުވީ،" އަޝްހަމް ކިޔައި ދިނެވެ.

"ފަހުން މަންމަ ވެސް ދެފަހަރަކަށް ބުނީމާ ދެން ނިންމީ އެ މުބާރާތުގައި ހައުސްގެ ކީޕަރަކަށް ކުޅެން."

އެއީ ވާދަވެރި މެޗެއް ނުވަތަ މުބާރާތެއްގައި ނަމަވެސް ކީޕަރުގެ ޖާޒީ އާއި އަންގި ލައްވައިގެން އަޝްހަމް ނުކުތް ފުރަތަމަ ފަހަރެވެ. އޭނާގެ މޮޅު ކުޅުމާ އެކު މުހްޔިއްދީން ސްކޫލްގެ އިންޓަ ހައުސް މުބާރާތުގެ ޗެމްޕިއަންކަން ފަރުމާން ހައުސް އަށް ހޯދައި ދިނެވެ.

ކީޕަރުގެ މަގާމަށް ކުޅުނު ފުރަތަމަ މުބާރާތުގައި ވެސް މޮޅަށް ކުޅެވުމުން، މިޑްފީލްޑް ދޫކޮށް އެކީ އެކައްޗަކަށް ކީޕަރަކަށް ބަދަލުވާން އަޝްހަމް ނިންމި އެވެ. ވިލިމާލޭގައި ހިންގާ، ވިލިމާލޭ ޔުނައިޓެޑް އެކަޑެމީގެ ގޯލްކީޕަރު ޓްރެއިނަރެއްގެ ގޮތުގައި އާތިފް މަސައްކަތް ކުރާތީ ދަރިފުޅުގެ ތަމްރީނުތަކުގައި އެންމެ އިސްކޮށް އުޅުނީ އޭނާ އެވެ. ކީޕަރުގެ މަގާމަށް ބަދަލުވާން ނިންމުމުން، އޭނާގެ ދަރިފުޅަށް އާތިފް ދިން ފުރަތަމަ އިރުޝާދަކީ އެހެން އެންމެންނަށް ވުރެ ހިތްވަރުގަދަ ކުޅުންތެރިޔަކަށް އަޝްހަމް ވުމަށެވެ.

"އަޅުގަނޑު ބުނަން ކީޕަރުގެ މަގާމަކީ ފަސޭހަ މަގާމެއް ނޫނޭ. އައުޓްފީލްޑް ކުޅުންތެރިންނަށް ވުރެ ކީޕަރަށް އަންނަ ފާޑުކިޔުން ވެސް ބޮޑުވާނެއޭ. ކީޕަރު ޖެހޭނެއޭ އެހެން ކުޅުންތެރިންނަށް ވުރެ ހިތްވަރުގަދަ މީހަކަށް ވާން،" ދަރިފުޅަށް އިރުޝާދެއްގެ ގޮތުގައި އާތިފް ކިޔައި ދިނެވެ.

އެކަމަކު ބައެއް އެހެން ކީޕަރުންނަށް ނުލިބުނު އެޑްވާންޓޭޖުތައް އަޝްހަމްގެ ކިބައިގައި އެބަހުރި ކަމަށް އާތިފް ބުނޏެވެ.

"މިހާރު ބަދަލުވަމުންދާ ފުޓްބޯޅައިގައި ކީޕަރު ވެސް ޖެހޭ ފައިން ކުޅޭ ބޯޅަތަކަށް ވަރުގަދަ ވާން. އަޝްހަމް އަށް އެބައޮތް އެ އެޑްވާންޓޭޖް. މިޑްފީލްޑަށް ވެސް މޮޅަށް ކުޅެފައި ހުރީމާ އޭނާގެ ފުޓްވޯކް ވަރުގަދަ،" އާތިފް ބުންޏެވެ.

ޕާސްޖަހައިގެން ކުޅޭ އިރު ވެސް ކީޕަރުގެ ދައުރު، މިހާރު ބަދަލުވަމުން އަންނަ ފުޓްބޯޅައިގައި ބޮޑެވެ. ޓީމުގެ ސްވިޕަރަކީ މިހާރުގެ ފުޓްބޯޅައިގައި ކީޕަރެވެ. ޕާސިން ގޭމް ސްވިޗަކީ ވެސް ކީޕަރެވެ.

"މިޑްފީލްޑަރަކަށް އަޝްހަމް ކުޅެފައި ހުރީމާ އޭނަގެ ކިބައިގައި އެބަހުރި އެ ޓެކްނިކް ވެސް." އާތިފް ބުންޏެވެ.

ގިނަ މީހުންނަށް ކީޕަރެއްގެ ގޮތުގައި އަޝްހަމް އަޅައިގަތީ މިދިޔަ މަހު ނިމުނު ދިވެހި ޔޫތު ލީގުންނެވެ.

އެ މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް އަށް ހޯދައި ދިނުމުގައި އަޝްހަމްގެ ދައުރު ބޮޑެވެ. އެ އުމުރުފުރާގެ އެންމެ މޮޅު ކީޕަރުގެ ގޮތުގައި ޑްރީމް ޓީމަށް ހޮވުނީ އޭނާ އެވެ.

ޓީސީގެ ނަމުގައި މޯލްޑިވްސް ސޮކަ މޭޓްސް އިން ހިންގާ އެކަޑަމީ ޓީމަށް އަޝްހަމް ފިޓް ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ކުރީގެ އެއްވަނަ ކުޅުންތެރިޔާ މޯނިންގްސަން މޫސާ މަނިކު (ކުޑަ މޫސަ) އޭނާގެ ދަރިފުޅު މުއާން މޫސާ މަނިކެވެ. ނިއު ރޭޑިއަންޓާއި ހުއްރިއްޔާގެ ހެޑް ކޯޗުކަން ވެސް ކުރިން އަދާކުރި މޫސަ އަކީ އެމްއެސް މޭޓްސް އެކަޑަމީގެ ހެޑް ކޯޗެވެ. އޭނާގެ އެހީތެރިންގެ ގޮތުގައި ފަހަތުގައި އޮތް ކޯޗިން ޓީމުގައި މުއާން ވެސް މަސައްކަތް ކުރެ އެވެ.

"މޫސަ ކޯޗާއި މުއާން ކޯޗު އަޅުގަނޑަށް ފުރުސަތު ދިނީ. މޫސަ ކޯޗު ވަރަށް ރަނގަޅަށް ކިޔައި ދޭނެ. ވަރަށް ހިތްވަރު ދޭނެ،" އަޝްހަމް ބުންޏެވެ.

މޫސަ އާއި މުއާންގެ ދެބަފައިންނަށް އަޝްހަމްގެ ކުޅުން އަޅައިގަތީ މިދިޔަ އަހަރު ސޮކަ ވެޓަރަންސުން ބޭއްވި 13 އަހަރުން ދަށުގެ އެކަޑަމީ މުބާރާތުގައި ވިލިމާލޭ ޔުނައިޓެޑްގެ އެކަޑަމީ ޓީމުންނެވެ.

އާތިފް ބުނީ، އެހާ ހިސާބުން އަޝްހަމް އެމްއެސް މޭޓްސްގެ ޓީމަށް ގެންދަން މޫސަ މަސައްކަތް ފެށި ކަމަށެވެ.

"[ވިލިމާލޭ ޔުނައިޓެޑްގެ] އެކަޑަމީގެ މެނޭޖަރު ކައިރީ އަޝްހަމްގެ ވާހަކަ މޫސަ ދެއްކީ،" އާތިފް ބުންޏެވެ.

ފަހުން ވިލިމާލެ އެކަޑަމީގައި 14 އަހަރުން ދަށުގެ ޓީމެއް ނެތުމުގެ އިތުރަށް ޔޫތު ލީގުގެ ފުރުސަތުގެ ބޭނުން ހިފަން އެމްއެސް މޭޓްސް އެކަޑަމީ އަށް އަޝްހަމް ބަދަލުކުރި އެވެ. އެ އެކަޑަމީގައި އޭނަ ތަމްރީނު ކުރަނީ، ގައުމީ ޓީމުގައި އާތިފަށް ވެސް ތަމްރީނު ދިން ގޯލްކީޕިން ކޯޗު އަސްލަމް އަބްދުރަހީމެވެ. ޔޫތު ލީގާ ކުރިމަތިލިއިރު އަޝްހަމް ވެސް ހުރީ ކީޕަރުގެ މަގާމަށް ރަނގަޅަށް ހޭނިފަ އެވެ.

ފީލްޑް ކުޅުންތެރިއެއްގެ ގޮތުގައި އަހަރުތަކެއް ވަންދެން ތަމްރީނު ހެދުމަށް ފަހު، ކީޕަރު ތަމްރީނު ހަދަން ޖެހުމުން ފުރަތަމަ ކޮޅު އުނދަގޫތަކެއް ހުރި އަޝްހަމް ބުންޏެވެ. މިދިޔަ އަހަރު ކީޕަރަކަށް ކުޅެން ފެށި އުއްމީދީ ކުޅުންތެރިޔާ ބުނިގޮތުގައި މުބާރާތުގައި ދެއްކުނު ކުޅުމާ އެކު ކީޕަރުގެ މަގާމުގައި މިހާރު ބޮޑު އިތުބާރެއް ލިބިގެން ހިނގައްޖެ އެވެ.

"އެންމެ ފުރަތަމަ ވެސް ކީޕަރަކަށް ކުޅެން ފެށުނު ނަމައޭ ހިތައް އެރި،" އަޝްހަމް ބުންޏެވެ.

އެކަން ކުރިން ނުކުރެވުމަކުން ހިތާމައެއް ނެތެވެ. ފީލްޑް ކުޅުންތެރިޔަކަށް ކުޅެފައި ކީޕަރުގެ މަގާމަށް ބަދަލުވާ ކުޅުންތެރިން ގޯލަށް މޮޅަށް ކުޅޭތަން ފެނެ އެވެ. އަޝްހަމަށް އެ އެޑްވާންޓޭޖް އެބައޮތެވެ. އޭނާ ވެސް އެ ހުވަފެން ދެކެ އެވެ.

ރާއްޖޭގެ ފުޓްބޯޅަ އޮތީ ނާޒުކު ހާލަތެއްގަ އެވެ. ކްލަބްތައް ހަރުދަނާކޮށް ހިންގާ ތަނެއް ނުފެނެ އެވެ. އެންމެ ދަނޑަކަށް މުޅި ރާއްޖޭގެ ފުޓްބޯޅަ ފައްތައިގެން ފުޓްބޯޅައިގެ ކުރިއެރުން އޮތީ މަޑުޖެހިފަ އެވެ.

އަޝްހަމާއި އެ ޖީލުގެ ކުޅުންތެރިން ސީނިއާ ކެރިއާ ފަށަން ވާއިރަށް ފުޓްބޯޅައިގެ ހާލަތު ރަނގަޅުވާނެ ކަމަށް އެ ޖީލުގެ ގިނަ ކުޅުންތެރިން އުއްމީދު ކުރެ އެވެ. ވޯލްޑް ކަޕްގެ ޖާގައެއް ރާއްޖެ އަށް ހޯދައި ދިނުމުގެ އުހުވަފެން އޭނާ ދެކެ އެވެ. އެއީ އެ ޖީލުގެ ވަރަށް ގިނަ ކުޅުންތެރިންގެ ވެސް އުއްމީދެކެވެ.