އަނުޝްކާގެ "ފިލޯރީ" އާ ގޮތަކަށް ޕްރޮމޯޓްކުރަނީ
އަނުޝްކާގެ "ފިލޯރީ" އާ ގޮތަކަށް ޕްރޮމޯޓްކުރަނީ

އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކޮށް އަދި ބަތަލާގެ ބައި ކުޅެފައިވާ "ފިލޯރީ" ގެ އިޝްތިހާރުތައް ދައްކަން ފެށުމާއެކު މި ފިލްމުގެ އަޑު މިހާރު ވަނީ ވަރަށް ގަދަވެފަ އެވެ. މާޗް 24 ވަނަ ދުވަހު ފިލްމު ރިލީޒްކުރަން ތައްޔާރުވަމުން އަންނައިރު ފިލްމުގެ ވާހަކަ ވެސް ވެފައި ވަނީ ގިނަ ބަޔަކު ވަރަށް ޝައުގުވެރިވާ ކަހަލަ ވާހަކަ އަކަށެވެ.

އަނުޝްކާ އާއި ދިލްޖީތު ދޮސާންޖް ބަތަލުގެ ބައި ކުޅެފައިވާ މި ފިލްމު ގިނަ ބަޔެއްގެ ސަމާލުކަމަށް އައި އެހެން ސަބަބެއް ވެސް އެބައޮތެވެ. ފިލްމު ޕްރޮމޯޓްކުރުމަށް ގެންގުޅެނީ އާ ގޮތްތަކެކެވެ.

"ޝަޝީވޯޒްދެއާ" ކިޔާ ހޭޝްޓެގަކާ އެކު މި ފިލްމުގެ އިޝްތިހާރު ސޯޝަލް މީޑިއާގައި ވަރަށް ވައިގައި ހިފާފައި ވާއިރު މިހާރު ފިލްމު އުފެއްދި ފަރާތުން ތައްޔާރުވަމުން އަންނަނީ ފިލްމު ޕްރޮމޯޓްކުރުމަށް އާ ޓެކްނޮލޮޖީއެއް ބޭނުން ކުރުމަށެވެ.

"ފިލޯރީ"ގައި އަނުޝްކާގެ ޝަޝީ ނަމަކަށް ކިޔާ ކެރެކްޓާއަކީ ވަރަށް މީހުންނާ ރައްޓެހި ރޫހެއް ނުވަތަ ގޯސްޓެކެވެ. މި ގޯސްޓަށް ކޮންމެ އިރަކު ކޮންމެ ތަނަކަށް ވެސް ދެވިދާނެ އެވެ. ފޮކްސް ސްޓާ ސްޓޫޑިއޯއިން މިހާރު ނިންމާފައި ވަނީ ފިލްމު ރިލީޒްކުރާ ސިނަމާތަކުގައި ތްރީޑީ ހޮލޮގްރާމްޕްރޮޖެކްޝަން ޓެކްނޮލޮޖީ ބޭނުންކުރުމަށެވެ. އޭރުން އންޑިއާގެ އެކި ކަންކޮޅުތަކުގައި ފިލްމު ބަލާ މީހުންނަށް ޝަޝީއަށް ވަގުތުން ވާހަކަ ދައްކާ މުއާމަލާތް ކުރެވޭނެ އެވެ.

މިއީ ތްރީޑީ ހޯލޯގްރާމް ޕްރޮޖެކްޝަން ބޭނުންކޮށްގެން އިންޑިއާގައި ފިލްމެއް ޕްރޮމޯޓްކުރާ ފުރަތަމަ ފަހަރެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯގެ ސީއެމްއޯ ޝިކާ ކަޕޫރު ބުނި ގޮތުގައި "ފިލޯރީ"އާ އެކު އެމީހުން ފިލްމު ޕްރޮމޯޓްކުރުމުގެ މުޅިން އާ ގޮތްތަކެއް ވަނީ ހޯދައިފަ އެވެ. މިއީ ފޭނުންނާއި ފިލްމުގެ ތަރިންނަށް އެއްބަޔަކު އަނެއް ބަޔަކާ މުއާމަލާތް ކުރެވި ބެލުންތެރިންނަށް ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެ އެވެ.

ކޮމެޑީ ޑްރާމާއެއްގެ ގޮތުގައި ޕްރޮމޯޓްކުރަމުންދާ މި ފިލްމުގައި ދިލްޖީތު އާއި އަނުޝްކާގެ އިތުރުން "ލައިފް އޮފް ޕީ"ގެ އެކްޓަރު ސޫރަޖް ޝަރުމާ އާއި މެހްރީން ޕީރްޒާދާ ބައިވެރިވެ އެވެ. ފިލްމު ޑައިރެކްޓްކުރަނީ އަންޝާއީ ލާލް އެވެ.