14 ޖޫން 2016 - 09:21

އެމެރިކާ އަށް އުފަން އިނގިރޭސިވިލާތުގެ ވާހަކަ ލިޔުންތެރިޔާ ޕެޓްރިކް ނެސް "ކެއޯސް ވޯކިން" ގެ ނަމުގައި ގެނެސް ދީފައިވާ ސައިންސް ފިކްޝަން ޓްރިލޮޖީ އަސްލަކަށް ބަލައިގެން ހަދާ ފިލްމުގެ ޑައިރެކްޓަރަކަށް ޑަގް ލިމަން ގެންނަން ވާހަކަތަކެއް ދެކެވެން ފަށައި އެވެ.

ހޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން "މިސްޓަ އެންޑް މިސިޒް ސްމިތު" އާއި "ބޯން އައިޑެންޓިޓީ" ފަދަ ކާމިޔާބު ފިލްމަތަކެއް ހަދާފައިވާ ޑަގް "ކެއޯސް ވޯކިން" އަށް ގެންނަން އެ ފިލްމް ޕްރޮޑިއުސް ކުރާ ސަމިޓް-ލަޔަންސް ގޭޓުން މިހާރު އަންނަނީ ވާހަކަ ދައްކަމުންނެވެ.
ޑަގްގެ ފިލްމެއް އެންމެ ފަހުން އައީ 2014 ވަނަ އަހަރު އެވެ. އެއީ ޓޮމް ކްރޫޒާއި ބްލަންޓް އެމިލީ ފެނިގެން ދިޔަ ފިލްމް "އެޖް އޮފް ޓްމޯރޯ" އެވެ.
"ކެއޯސް ވޯކިން" ޑައިރެކްޓަރަކަށް ޑަގް، 50، ގެންނަން ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް، ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ޑަގްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނީ އަނެއްކާ ވެސް ޓޮމް ކްރޫޒް ލީޑް ރޯލުން ފެނިގެންދާ ފިލްމެކެވެ.
އެއީ ޕައިލެޓެއްގެ ރޯލުން ކްރޫޒް ފެނިގެންދާ "މޭނާ" އެވެ.
އެ ފިލްމް ސިނަމާތަކަށް އަންނާނީ ޖެނުއަރީ 6، 2017 ގަ އެވެ.