13 ފެބުރުއަރީ 2025 - 13:51

ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެ ރަށުން މަންމައަކާއި ދަރިއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ދެ އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 56 އަހަރުގެ އާމިނަތާއި އުމުރުން 25 އަހަރުގެ ފާތިމަތު މާޔާ އެވެ. މި ދެ މީހުންނަކީ ވެސް އެ ރަށު، މަޔާ ޕެލަސް ގެއިން ހައްޔަރުކުރި ދެ މީހުންނެެވެ.
އެނގިފައިވާ ގޮތުގައި މިއީ މަންމަ އާއި އޭނާގެ ދަރިއެކެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލާފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވާ ކަމަށެެވެ. އެ ގެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނަކީ 189.69 ގުރާމް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހަނިމާދޫ މެނިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ އާމިނަތުގެ ބަންދަށް ފަސް ދުވަސް އަދި މާޔާގެ ބަންދަށް 15 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.