13 ފެބުރުއަރީ 2025 - 12:20

ދިރާގުން މިދިޔަ އަހަރު ބޭއްވި އެންމެ ބޮޑު ޕްރޮމޯޝަން "ވިން އަ ސްޕީޑްބޯޓު" ގެ ނަސީބުވެރިޔާއާ މިއަދު ލޯންޗު ހަވާލުކޮށްފި އެވެ.
އަލް ޝާލީ މެރިން ބޯޓްޔާޑުގައި ބޭއްވި ހާއްސަ އިވެންޓެއްގައި، އެ ޕްރޮމޯޝަންގައި ގުރުއަތުން ހޮވުނު ގއ. ވިލިނގިލި، ހުސައިން ފަޔާޒަށް ވަނީ އަލް ޝާލީ މެރިން މަޖެލަން 32 ބޯޓާ އެކު، ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ވެސް ހަވާލުކޮށްފަ އެވެ.
އިނާމު ހަވާލުކުރުމަށް ބޭއްވި އެ ހާއްސަ ރަސްމިއްޔާތުގައި، ފަޔާޒް އާއި އޭނާގެ އާއިލާގެ އިތުރުން، ދިރާގުގެ މެނޭޖްމަންޓާއި މުވައްޒަފުން، އަލް ޝާލީ މެރިން އަދި އެލިއާގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.
ފަޔާޒް ބުނިގޮތުގައި، މި ޕްރޮމޯޝަންގައި ފުރަތަމަ ބައިވެރިއިރު، އެ އިނާމް ލިބޭނެ ކަމަށް ހިއެއް ނުކުރެވެ އެވެ.
ޕްރޮމޯޝަންގައި ބައިވެރިވީ އޭނާގެ ހަގު ފިރިހެން ދަރިފުޅު މި ކަމަށް ޝައުގުވެރިވާތީ، ދަރިފުޅު ހިތްހަމަޖައްސައި ދޭން ކަމަށް ފަޔާޒު ބުނެފައި ވެ އެވެ. އެހެންވެ، ލޯންޗު ލިބުނުކަން އެނގުމުން ފުރަތަމަ ގަބޫލުކުރަން ދަތިވި ނަމަވެސް ވަރަށް އުފާވި ކަމަށް ބުންޏެވެ. އަދި، ދިރާގުން ކަސްޓަމަރުންނަށް މި ފަދަ ޕްރޮމޯޝަންތައް ބާއްވައި، ތަފާތު އަގު ހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތުތައް ހޯދައިދެމުންދާތީ އެކަމަށްޓަކައި ދިރާގަށް ޝުކުރު އަދާކުރި އެވެ.
ފަޔާޒަކީ މިދިޔަ 16 އަހަރު ދުވަސް ތެރޭގައި މެދުކެނޑުމެއް ނެތި ދިރާގުގެ ގިނަ ހިދުމަތްތައް ބޭނުންކޮށްފައިވާ ލޯޔަލް ކަސްޓަމަރެކެވެ.
"ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަކީ ދިރާގުގެ އަހަރީ ދުވަހާ ގުޅުވައި އެ ކުންފުނިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ޑިސެމްބަރު މަހުގެ ނިޔަލަށް ބޭއްވި ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި ދިރާގުން ދޭން ނިންމީ އަލްޝާލީ މެރިންގެ "މަޖެލަން 32" ލޯންޗެވެ. އެ ލޯންޗަކީ 12 މީހުންގެ ޖާގައިގެ 32 ފޫޓުގެ ލޯންޗެކެވެ. މި ލޯންޗުގައި ޔަމަހާގެ 175 ހޯސްޕަވަރުގެ ދެ އިންޖީނު ހުންނާނެ އެވެ. މިއީ އަރާމު ޑެކަކާއި ހިތްފަސޭހަ ކެބިންއަކާއި ބަދިގެއެއް ވެސް ހިމެނޭ ލޯންޗެކެވެ.
"ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަށް ހޫނު ތަރުހީބެއް ލިބުނެވެ. ދިރާގުން ވަނީ 2023 ވަނަ އަހަރު ވެސް މިފަދަ ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ޕްރޮމޯޝަނުގައި ދިނީ ޓެސްލާ ކާރެކެވެ.