ރަހީނުންނަށް ވާނެ ގޮތެއް އޮތީ ނަތަންޔާހޫގެ އަތްމަތީގައި: އިސްލާމިކް ޖިހާދު
ރަހީނުންނަށް ވާނެ ގޮތެއް އޮތީ ނަތަންޔާހޫގެ އަތްމަތީގައި: އިސްލާމިކް ޖިހާދު

ރަހީނުކޮށްފައި ތިބި އިޒްރޭލު މީހުންނާ މެދު ކަންތައް ވާނެ ގޮތެއް އޮތީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަތްމަތީގައި ކަމަށް ބުނެ ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ ހަތިޔާރުއެޅި ގޮފިން އިންޒާރު ދީފި އެވެ.

"މުޖާހިދުންގެ އަތްދަށުގައި ތިބި ގައިދީންގެ (ރަހީނުންގެ) ނިމުން ސީދާ ގުޅިފައި ވަނީ ނަތަންޔާހޫގެ އަމަލުތަކާ، އެއީ ރަނގަޅު ނިމުމެއް ނުވަތަ ގޯސް ނިމުމަކަށް ވިޔަސް،" އަލްގުދުސް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ ހަމްޒާ އެ ޖަމާއަތުގެ ޓެލެގްރާމް ޗެނަލްގައި އާންމުކުރެއްވޮ ވީޑިއޯ ސްޓޭޓްމަންޓެއްގައި ވިދާޅުވެފައިވެ އެވެ.

އަންގާރަ ދުވަހު ނަތަންޔާހޫ ވަނީ ޣައްޒާގައި ބަންދުކޮށްފައިވާ އިޒްރޭލުގެ މީހުން ހޮނިހިރު ދުވަހުގެ ކުރިން ދޫކޮށްނުލައިފި ނަމަ އަލުން ޣައްޒާގައި ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރު ދީފަ އެވެ.

"ގައިދީން (ރަހީނުން) އަނބުރާ ހޯދުމަށާއި ހަމަޖެހުން ގާއިމުކުރުމަށް އޮތް ހަމައެކަނި ހައްލަކީ ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ތެރެއިން އެކަން ކުރުން،" އަބޫ ހަމްޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތި ހާލުގެ ޒިންމާ އުފުލަން ޖެހޭނީ އިޒްރޭލުން ކަމަށާއި އެ ދަތިކަމުން ސަލާމަތްކުރުމަށް، ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުމާ އެއްގޮތަށް އިޒްރޭލުން އަމަލުކުރަމުން ނުދާ ކަމަށެވެ.