11 ފެބުރުއަރީ 2025 - 22:22

ޝަރުއީ ދާއިރާއަށް ހަރުދަނާ ކުރަން ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ ގޮންޖެހުންތައް ބޮޑުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

ގަޟާއީ އަހަރު ފެށުން ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަދުލުވެރި، ހަމަހަމަ އަދި އަހުލުވެރި ނިޒާމެއް ގާއިމް ކުރަން ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށާއި އެކަމުގައި ހުރި ގޮންޖެހުންތައް ބޮޑު ކަމަށެވެ.
"އަންނަން އޮތްތަނުގައި ވެސް މިހާރަށްވުރެ ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ޝަރުއީ ދާއިރާ ހަރުދަނާ ކުރަން ކުރާ މަސައްކަތްތައް ކާމިޔާބު ވާނީ ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހުން އަދި މިނިވަން މުއައްސަސާތަކާއި އިދާރާތައް އަދި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެކުގައި ގާނޫނީ ވެރިކަން ދަމަހައްޓަން މަސައްކަތްކޮށްގެން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"ކުރިމަގުގައި ވެސް ގާނޫނީ ވެރިކަން ނެގެހެއްޓުމުގެ މަސައްކަތް ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އަދުލުއިންސާފާއި ރައްޔިތުންގެ ބާރު ކަށަވަރު ކުރުމުގައި ފަނޑިޔާރުން ސާބިތުކަމާއެކު ތިބެން ޖެހޭ ކަމަށާއި އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތައި، ގާނޫނުއަސާސީ އާއި ގާނޫނުތައް އަދި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ފަނޑިޔާރުން ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.
"ފަނޑިޔާރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަދާކުރުމަކީ އަޅުގަނޑުމެން ފަނޑިޔާރުން ވެފައިވާ ވައުދެއް. އެ ވައުދު ފުއްދުމަށް ރާއްޖޭގައި މިވަގުތު ތިއްބެވި 182 ފަނޑިޔާރުން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވާ،" މުއުތަސިމް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ކޯޓުތަކުގެ ކުރި މައްޗަށް ހުށަހެޅޭ މައްސަލަތަކުގައި ހަމައެކަނި ގޮތް ނިންމުމުގެ ބަދަލުގައި، ގާނޫނުގައި ސާފުނުވާ ކަންކަން ސާފުކޮށްދީ، މާނަކުރާނެ ގޮތްތައް ތަފްސީލްކޮށް ބަޔާންކޮށްފައި މިހާރު ހުންނަ ކަމަށެވެ.
އޭގެ ސަބަބުން އާންމު ރައްޔިތުންނަށް ވެސް ފަސޭހަވެގެންދާ ކަމަށާއި ނިންމުންތައް ނިންމުމުގައި ދަށު ކޯޓު ފަނޑިޔާރުންނަށް ވެސް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.