ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރަން ސިފައިންގެ ވެލްފެއާ ކުންފުންޏަށް
ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރަން ސިފައިންގެ ވެލްފެއާ ކުންފުންޏަށް

އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އާ ހަވާލުކޮށްފި އެވެ.

ސްޓެލްކޯގެ ފަރާތުން މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. ސިވެކްގެ ފަރާތުން ސޮއިކުރެއްވީ ސިވެކްގެ މެނޭޖިން ޑިރެކްޓަރު ކާނަލް އަހުމަދު ޒުބައިރެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ މިފަހުން ހިނގާދިޔަ ކަންތައްތަކާ އަދި ބައެއް އިވެންޓްތަކުގައި ސްޓެލްކޯގެ ބައެއް މުވައްޒަފުން ރެސްކިއު އޮޕަރޭޝަންތައް ހިނގާފައިވާ ކަމަށާއި މޫދަށް ވެއްޓުނު މީހަކު ސަލާމަތްކޮށްދީފައިވެސް ވާ ކަމަށެވެ. އަދި ސްޓެލްކޯގެ އިމާރާތްތަކަށް ވައްކަންކުރަން ވަތް މީހުންނާ މުވައްޒަފުން ކުރިމަތިލާފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލާލިން މި ބޭފުޅުންނަކީ މި ޓްރޭނިން ޕްރޮގްރާމް ހަދާފަ ތިބި ބައެއްތޯ. މީގެން ކުރި ފައިދާއެއްތޯ، އަސްލުގަ މި ބޭފުޅުން މިކަހަލަ ކަމެއް ދިމާވީމަ އިސްނަގަން ކެރުނީ ކިހިނެއްތޯ. ބެލީރުގަ ދަންނަވަންތޯ ހުރިހާ މުވައްޒަފުންނަކީ ވެސް އަޅުގަނޑުމެން މި ހިންގި ލީޑަޝިޕް ޓްރެއިނިން ޕްރޮގްރާމްގަ އެމްއެންޑީއެފް ބޭކަލުން އަޅުގަނޑުމެންނަށް ޓްރެއިން ކޮށްދެއްވާފަ ތިބި ބޭފުޅުން،" ފަހުމީ ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގަ ވެސް، އަދި ގައުމަށް ހިދުމަތްކޮށްދިނުމުގަ ވެސް، އަދި އަމިއްލަ އާއިލީ ދިރިއުޅުމުގަ ވެސް، މި ޕްރޮގްރާމަކީ ފައިދާ ކުރާނެ ޕްރޮގްރާމެއް. ފައިދާ ކުރާ ޕްރޮގްރާމެއް."

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިން ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު ހުސައިން ފަރުހާދު ވިދާޅުވީ އެމްޑީގެ އިސްނެންގެވުމުގެ މަތިން، އެމްޑީގެ މޮޓޯގެ ދަށުން، ކުންފުނީގެ އަމާޒަކީ، އިހްލާސްތެރި، ވަފާތެރި، ބުރަކޮށް މަސައްކަތްކުރާ، ހިތްވަރާއި، އަޒުމާއި، އެކުވެރިކަމާ އެކު މަސައްކަތް ކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ކުންފުނީގެ ތަސައްވުރާއި، މުހިންމަތާއި، އަދި ކުންފުނީގައި ރާވާލެވޭ ސްޓެރެޓެޖިކް އޮބްޖެކްޓިވްސްތައް އެޗީވް ކުރާނެ ވަރުގަދަ ޓީމެއް ގާއިމްކުރުން،" ފަރުހާދު ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ އެހީގައި މިހާރު ކުރިއަށްދާ ލީޑަޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް، ސްޓެލްކޯގެ 668 މުވައްޒަފުން މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ. މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ ހުރިހާ މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަ ކުރުން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެއްބަސްވުމުގެ ދަށުން ސިވެކްގެ އެހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް އިތުރު ތަމްރީނު ހިންގުމަށް އެއްބަސްވި ދާއިރާތައް:

• ބޭސިކް ފަސްޓް އެއިޑް

• ފަޔާ އެވެއާނެސް

• އިންޑަސްޓްރިއަލް ފަޔާ ބްރިގޭޑް ކޯސް

• ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިން

• ސުވިމިން އެންޑް ރެސްކިއު

• ލައިފް ކޯޗިން

މީގެ އިތުރުން ފަޔާ އިވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީވުމާއި އިންޖީނުގެތަކުގައި ގާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ވެސް އެއްބަސްވުމުގައި ހިމެނޭ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.