އެތުލީޓެއްގެ ތަޖުރިބާކޮށް މަރޭ ދިން ނަސޭހަތް
އެތުލީޓެއްގެ ތަޖުރިބާކޮށް މަރޭ ދިން ނަސޭހަތް

ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް ނަސޭހަތާއި އިރުޝާދުތައްދީ ތަޖުރިބާތައް ހިއްސާކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެތުލީޓްސް މެންޓަރިން ޕްރޮގްރާމެއް ރޭ ފަށައިފި އެވެ.

އެތުލީޓެއްގެ ތަޖުރިބާކޮށް މަރޭ ދިން ނަސޭހަތް
އެތުލީޓެއްގެ ތަޖުރިބާކޮށް މަރޭ ދިން ނަސޭހަތް

މިއީ ރާއްޖޭގެ ކުޅުންތެރިންނަކީ ޕްރޮފެޝަނަލް އެތުލީޓުންނަށް ހެދުމަށްޓަކައި އެ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) ގެ އިސް ނެންގެވުމަކަށް ފެށި ހާއްސަ ޕްރޮގްރާމެކެވެ. އެގޮތުން ރޭ މަރޭ ވަނީ އޭނާ 12 ހަފުތާ ވަންދެއް ކުރި އެތުލީޓެއްގެ ދިރިއުޅުމުގެ ތަޖުރިބާތައް ކުޅުންތެރިންނާ ހިއްސާކޮށްފަ އެވެ. މީގެ އިތުރުން އެތުލީޓުންގެ ކެއުން ބަހައްޓަން ޖެހޭ ގޮތުން ލެކްޗަރެއް ޑައިޓީޝަން އާސިޔާ އަބްދުއްރަހީމް ވަނީ ދެއްވައިފަ އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި މި ސެޝަނަށް ރާއްޖޭގެ އެކި ކުޅިވަރުތަކުން ސަތޭކައެއްހާ އެތުލީޓުން ބައިވެރިވި އެވެ. މީގެ ތެރޭގައި ގިނައީ ޖޫނިއާ ލެވެލްގެ އެތުލީޓުންނެވެ. އޮލިމްޕިކް ކޮމިޓީން ބުނީ ކުރިއަށް އޮތްތަނުގައި ވަކިވަކި ކުޅިވަރުތަކަށް ހާއްސަކޮށްގެން މިފަދަ ސެޝަންތަކެއް ބާއްވާނެ ކަމަށެވެ.

ޝައުގުވެރި ގޮތަކަށް މަރޭ ދެއްވި ޕްރެޒެންޓޭޝަނުގައި އޭނާ ވިދާޅުވީ މިކަމުގެ ފެށުމަކީ، ރާއްޖޭގެ ހުނަރުވެރި އެތުލީޓުން ބައެއް ކަންކަން ރަނގަޅުކޮށްފި ނަމަ ރާއްޖެ އަށް ބައިނަލްއަގްވާމީ މައިދާނުގައި ކިހާ ހިސާބަކަށް ދެވިދާނެތޯ ހިތުގައި އުފެދުނު ސުވާލު ކަމަށެވެ.

"ޝައްފަ އާއި މާޖީ އާއި ހައްވަގެ ޖަމްޕު ހަތަރު އިންޗި މަތިކޮށްފި ނަމަ ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ނުވާނެބާ؟ ވޮލީބޯޅަ ކުޅުންތެރިޔާ އަނިލްގެ ކޯ މަސަލްތައް ވަރުގަދަކޮށްފި ނަމަ އޭނާ އަށް ހިސާބަކަށް ދެވިދާނެބާ؟ ދުވުންތެރިޔާ އަފާ ރަނގަޅަށް ކައި އަރާމުކޮށްފި ނަމަ ސަރަހައްދުގެ އެއް ވަނަ ދުވުންތެރިޔާއަށް ނުވާނެތަ؟،" މަރޭ އޭނާގެ ހިތުގައި އުފެދުނު ބައެއް ސުވާލުތައް ހިއްސާކުރި އެވެ.

އެކަމަކު މަރޭ ބޭނުންވީ އެތުލީޓެއްގެ ދިރިއުޅުން ތަޖުރިބާކުރުމަށް ފަހު އެކަމަށް ޖަވާބެއް ދިނުމަށެވެ. އެކަން ތަޖުރިބާކުރުމުގެ ގޮތުން މަރޭ ވަނީ 12 ހަފުތާ ވަންދެއް އެތުލީޓުން ކެއުން ބަހައްޓަން ޖެހޭ ގޮތަށް ކައި އަދި ހަފުތާއަކު ހަ ދުވަހު، ކޮންމެ ދުވަހަކު 2 ގަޑިއިރާއި 2:30 މިނެޓު އެންޑިއުރެންސާއި އިންޓަވަލް އަދި އެ ނޫން ވެސް ޓްރެއިނިންތައް ފުރިހަމަކޮށްފަ އެވެ. މީގެ އިތުރުން ރިކަވަރީއަށް ވަގުތު ހުސްކޮށް އަދި އަރާމުކުރުމާއި ދިނުން ވެސް ފުރިހަމަ ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދިޔަ އެވެ.

މަރޭގެ ޓްރެއިނަރު އޭނާގެ ނަތީޖާތައް ކިޔައިދިން އިރު ފެނިގެން ދިޔައީ މަރޭގެ ފިޓްނަސް ވަރަށް ރަނގަޅު ލެވެލެއްގައި ހުރިތަނެވެ. އެ ނަތީޖާތައް އަޑުއެހުމަށް ފަހު މަރޭ ވިދާޅުވީ އުމުރުން 42 އަހަރުގައި ވެސް، ގިނަ ކުޅުންތެރިންނަށް ވުރެ ފިޓްނަސް ލެވެލް ރަނގަޅު ކުރެވުވުމުން އޭގެ މާނައަކީ 23 އަހަރުގެ އެތުލީޓުންނަށް މިކަން ނުވާންވީ ސަބަބެއް ނެތް ކަމަށެވެ.

"ސްވިމިން ޕޫލާއި އެތުލެޓިކްސް ޓްރެކް ވެސް އޮންނަން ޖެހޭ. އެކަމަކު އެ ވަސީލަތްތައް ހުއްޓަސް ރަނގަޅަށް ޓްރެއިނިން ނަހަދަންޏާ ކޮބާ ފައިދާ އަކީ؟ ހިނގާ ނެތްކަންކަމުގެ ޝަކުވާނުކޮށް އަހަރެމެންނަށް ކުރެވެން ހުރި ކަންކަން ކުރަމާ؟ މަރޭގެ ނަސޭތަކީ ކުޅުންތެރިޔަކަށް ނުވާށޭ އެތުލީޓަކަށްވާށޭ. އެތުލީޓުން ތަމްރީންވާ ގޮތަށް ތަމްރީންވެ އެތުލީޓުން ކެއުން ބަހައްޓާ ގޮތަށް ކައި އެގޮތަށް އަހަރެމެން ބަދަލުވަމާ ހިނގާށޭ،" މަރޭ ވިދާޅުވި އެވެ.

"އޭރުން އެ އަންނަ ބަދަލުތަކާ އެކު އަހަރެމެންނަށް އަނެއް ލެވެލަށް ދެވޭނެ."

މަރޭގެ ތަޖުރިބާ އިން އޭނާ ކިޔައިދެއްވި ގޮތުގައި ރާއްޖޭން އާއްމުކޮށް ލިބެން ހުރި ކާނާގެ ބާތަވްތައް ބޭނުންކޮށްގެން ވެސް އަގުހެޔޮކޮށް ފައިދާހުރި ގޮތެއްގައި ކެއުން ބެހެއްޓޭނެ ކަމަށެވެ. އަދި ވަޒީފާ އަދާކުރިޔަސް ރަނގަޅަށް ޕްލޭންކޮށްފި ނަމަ ތަމްރީން ހެދުމަށާއި އަރާމުކުރުމަށާއި ރިކަވަރީއަށް ވަގުތު ހޯދޭނެ ކަމަށެވެ.