11 ފެބުރުއަރީ 2025 - 15:46

ތ. ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ވިލުފުށީގައި ހުންނަ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކެއް އަޅާފައިވާ މައްސަލައެއް ރިޕޯޓުކުރީ ރޭ މެންދަމު ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުންޏަސް އޭގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ޕޯސްޓުތަކުން އެނގޭ ގޮތުގައި ކެފޭއަކަށް މީހަކު ސިހުރު ހަދާ މަންޒަރު، އެތަނުގެ ކައިރީގައި ހުންނަ ފިހާރައެއްގެ ސީސީޓީވީ ފޫޓޭޖުން ފެނެ އެވެ. އެހެންވެ، އެ މީހާ ހައްޔަރު ކުރުމަށް ސޯޝަލް މީޑިއާގައި އެރަށު މީހުން ދަނީ ގޮވާލަމުންނެވެ.
ސިހުރު ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް އެކި ރަށްރަށުން ގެތައް ފާސްކޮށް، ބައެއް މީހުން ހައްޔަރު ވެސް ކޮށްފައިވެ އެވެ. ދާދިފަހުން ވެސް ސިހުރުގެ މައްސަލައެއްގައި ރ. އަލިފުއްޓާއި ރ. މީދޫގެ ގެތަކަކަށް ފުލުހުން ވަދެ، ފާސްކުރި އެވެ.