ބެލްޖިއަމް ބަލިކޮށް އިޓަލީ އަށް ހުވަފެނީ ފެށުމެއް
ބެލްޖިއަމް ބަލިކޮށް އިޓަލީ އަށް ހުވަފެނީ ފެށުމެއް

ލިޔޯން، ފްރާންސް (ޖޫން 14) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި އޮތް ބެލްޖިއަމްގެ މައްޗަށް އާދައިގެ ސްކޮޑަކާ އެކު މުބާރާތާ ކުރިމަތިލި އިޓަލީ 2-0 އިން މިރޭ ކުރި ހޯދައިފި އެވެ.

ބެލްޖިއަމް ބަލިކޮށް އިޓަލީ އަށް ހުވަފެނީ ފެށުމެއް
ބެލްޖިއަމް ބަލިކޮށް އިޓަލީ އަށް ހުވަފެނީ ފެށުމެއް

މި މޮޅާ އެކު އިޓަލީ ވަނީ ބައިނަލްއަގްވާމީ މެޗަކުން ބެލްޖިއަމް އަތުން ބަލިނުވުމުގެ ސިލްސިލާއަށް ބޮޅެއް އިތުރުކޮށްފަ އެވެ. މި ވަގުތު ގްރޫޕް އީ ގެ އެއް ވަނައިގައި ތިން ޕޮއިންޓާ އެކު އިޓަލީ އޮތްއިރު ސްވިޑަން އާއި އަޔަލެންޑަށް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ. ބެލްޖިއަމް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.

މިރޭގެ މެޗު ފެށިގެން ފުރަތަމަ ހަމަލާ އުފެއްދީ ބެލްޖިއަމުންނެވެ. މެޗުގެ 12 ވަނަ މިނިޓްގައި ބެލްޖިއަމްގެ މިޑްފީލްޑަރު ރަޑްޖާ ނައިންގޫލާން ފޮނުވާލި ހަމަލާ އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ މަތަކޮށްފަ އެވެ.

މި ހާފްގައި ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަން އޭނާ މަސައްކަތްކުރި އެވެ. އެހެން ނަމަވެސް އިޓަލީ ފަހަތް ފެނުނީ މާ ވަރުގަދަ ކޮށެވެ. މި މެޗުގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

އިޓަލީން މެޗުގެ ލީޑު ނެގީ 31 ވަނަ މިނިޓްގައި އެމަނުއަލް ގިއަކެރީނީ ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ލިއޮނާޑޯ ބޮނޫޗީ މަތިން ހުސްކޮށްލާފައި ދިން ބޯޅައެއް ބެލްޖިއަމް އޭރިއާ ތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ދުރުކަނަށް އަމާޒު ކޮށްލައިގެންނެވެ.

އޭގެ ދެ މިނިޓް ފަހުން އިޓަލީގެ އެންޓޯނިއޯ ކަންޑްރޭވާ ފޮނުވާލި ހަމަލާ ބެލްޖިއަމް ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. ލީޑުފުޅާކުރަން އިޓަލީން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސައުތެމްޓަންގެ ފޯވާޑް ގްރަޒިއާނޯ ޕެލާ އަށެވެ. ބެލްޖިއަމް އޭރިއާ ތެރެއިން ހުސްކޮށް ހުރެ އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

ދެ ވަނަ ހާފް ފެށިގެން ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އަށް ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ކައުންޓަ އެޓޭކެއްގައި ކެވިން ޑިބްރޭނާ ތަަނަވަސްކޮށްދިން ފުރުސަތަކުން ލުކާކޫ ހުހަށް ހުރެ ޖެހި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ.

އޭގެ ދެ މިނިޓް ފަހުން ޕެލާ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބެލްޖިއަމް ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގައި ނަތީޖާ ހަމަހަމަކުރަން ބެލްޖިއަމްގެ ބަދަލު ކުޅުންތެރިޔާ ޑިވޮކް އޮރީގީ އަށް ވަނީ ހުސް ދެ ފުރުސަތެއް ލިބިފަ އެވެ. އޭނާ ބޮލުން ފުރަތަމަ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިންނެވެ. އޭގެ ފަހުން ލިބުނު ބޯޅަ ޖަހަން ފުއްމައިގެން އެރި ނަމަވެސް ލިބޭ ގޮތެއްނުވި އެވެ.

ބެލްޖިއަމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެޓީމުން ނުހިފުމުން އިޓަލީ ވަނީ އެ ޓީމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި ލަނޑު ޖަހައިފަ އެވެ. ކައުންޓަ އެޓޭކެއްގައި މެޗުގެ އިތުރު ވަގުތު ޕެލާ މި ލަނޑު ޖެހީ ކަންޑްރޭވާ ދިން ބޯޅަ އަކުންނެވެ. ޕެލާ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލިއިރު ބެލްޖިއަމްގެ ދެ ޑިފެންޑަރަކު އެ ބޯޅަ ދިފާއުކުރަން ގޯލު ރޮނގުމަތީގައި ހުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ.