10 ފެބުރުއަރީ 2025 - 22:15

ހުޅުމާލެ 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަށް އާންމުން ނުވަންނަން އެޗްޑީސީން މިއަދު އަންގައިފި އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ 2 ގެ އިރުމަތީ ފަރާތު މޫދާ ކައިރިން ފެންސު ޖަހާފައިވާ ސަރަހައްދަކީ މި ވަގުތު ޗެނަލް 2 ޕްރޮޖެކްޓުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާ ސަރަހައްދެއް ކަމަށެވެ. އެއީ މި ވަގުތު މަސައްކަތް ހިނގަމުންދާ ސައިޓެއް ކަމަށް ވާތީ، ގިނަ އަދަދެއްގެ ހެވީ ވެހިކަލް އެ ސަރަހައްދުގައި ބޭނުންކުރާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެހެންވެ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް، އެ ސަރަހައްދަށް ވަނުމަކީ މަނާކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ ސަރަހައްދުގެ ޗެނަލް ކޮނުމުގެ މަސައްކަތާއި އަސޭރިއާ ޕްރޮޖެކްޓުގެ މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުގެ އިތުރުން އެހެން ބޭނުންތަކަށް އެ ސަރަހައްދަށް ވަންނަން ޖެހިއްޖެ ހާލަތެއްގައި އެ ކުންފުނީގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު، އެ ހުއްދައިގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށެވެ.
އެޗްޑީސީގެ ހުއްދަ ލިބިގެން އެ ސަރަހައްދަށް ވަންނަ މީހުން، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.