10 ފެބުރުއަރީ 2025 - 12:25

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި ވަގު އެކައުންޓެއް ހަދައިގެން ސޯޝަލް މީޑިއާގައި ކްރިޕްޓޯ ސްކޭމެއް ހިންގަން ފަށައިފި އެވެ.
ރައީސްގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ހަދާފައިވާ އެ ފޭކް އެކައުންޓުގައި ވަނީ ރާއްޖެ އިން ވެސް ކްރިޕްޓޯ ކަރަންސީއެއް ތައާރަފު ކޮށްފައިވާ ކަމަށާއި އެއީ "ޑިޖިޓަލް ކަލްޗާ" ގެ ދާއިރާގައި ރާއްޖެ އިން އެޅި ވަރުގަދަ ފިޔަވަޅެއް ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އެ އެކައުންޓުން ކޮށްފައިވާ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އެކްސް އިން ދައުލަތުގެ ވެރިންނަށްދޭ "ގްރޭ ވެރިފިކޭޝަން" ބެޖު މި ސްކްރީންޝޮޓުތަކުން ފެނެ އެވެ.
އެ މައްސަލާގައި ކްރިޕްޓޯ ކަރަންސީއާ ގުޅޭ އެކައުންޓަކުން ވަނީ ރާއްޖޭގެ ރައީސްގެ ނަމުގައި ކޮށްފައިވާ އެ ޕޯސްޓުތަކަކީ ސްކޭމެއް ކަމަށާއި ރާއްޖެ އިން ކްރިޕްޓޯ ކަރަންސީއެއް ލޯންޗު ނުކުރާ ކަމަށް ބުނެފަ އެވެ.
އެހެންވެ، އެކަމަށް ސަމާލުވާން އަންގައި ކުރި އެ ޕޯސްޓުގައި ވަނީ ރައީސް މުއިއްޒުގެ އަސްލު އެކައުންޓު ވެސް ޓެގްކޮށްފަ އެވެ.
އެކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.