12 މާޗް 2017 - 13:04

ދިމިޝްގު (މާޗް 12) - އެމެރިކާ ސިފައިން ސީރިއާ އަށް ވަނުމަށް ހުއްދަ ދީފައި ނުވާނެ ކަމަށާއި އެހެންވެ އެމީހުން ވަނީ ސީރިއާ އަށް އަރައިގެންފައި ކަމަށް ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ޓީވީ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި އަސަދު ވިދާޅުވީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުން މާ ހަރުދަނާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
"ހުއްދަ ނެތި ނުވަތަ މަޝްވަރާ ނުކޮށް ސީރިއާ އަށް ވަންނަ ކޮންމެ ބަޔަކީ މި ގައުމަށް އަރައިގެންފައިވާ ބައެއް. އެއީ އެމެރިކާ، ތުރުކީ ނޫނީ އެހެން ބަޔަކަށް ވިޔަސް،" އަސަދު ވިދާޅުވި އެވެ. "އެމެރިކާ މީހުން އެ އުޅެނީ ކޮން ކަމެއް ކުރަން؟ އެ މީހުން ކުރަން އުޅޭ ކަންތަކުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. އެމެރިކާ މީހުން ކުރި ކޮންމެ ހަނގުރާމައަކުން ވަނީ ނާކާމިޔާބުވެފައި. އިރާގުން އެ މީހުންވީ ބަލި. އެންމެ ފަހުން އެ މީހުން ޖެހުނީ ފައިބަން. ސޯމާލިއާގައި ވެސް، ވިއެޓްނާމަށް އެކަނި ބެލި ނަމަވެސް އަދި އަފްޣާނިސްތާނުގައި ވެސް އެމެރިިކާ އަށް ވަނީ ނާކާމިޔާބުވެފައި. އެމެރިކާ ސިފައިން ފޮނުވާ އެއްވެސް ގައުމަކުން އެ މީހުންނަށް ކާމިޔާބުވެފައެއް ނުވޭ. މައްސަލަ އުފައްދަން އެމެރިކާ މީހުން ވަރަށް މޮޅު. އެ މީހުންނަށް ހައްލު ހޯދިފައެއް ނުވޭ."
އެމެރިކާގެ ސިފައިން ސީރިއާ އަށް ދިޔައީ އައިއެސްއާ ހަނގުރާމަކުރާ ސިފައިން ތަމްރީނުކޮށް އެހީތެރިވެ ދިނުމަށެވެ. އެމެރިކާ ސިފައިންގެ އެހީތެރިކަން ލިބޭ ސީރިއާގެ ލަޝްކަރުން މިހާރު ދަނީ ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ ހިފުމަށް ތައްޔާރުވަމުންނެވެ.
އަސަދު ވިދާޅުވީ ހަމައެކަނި ވައިގެ ހަމަލާ ދީގެން އައިއެސް ބަލި ނުކުރެވޭނެ ކަމަށާއި ރަޝިޔާ ސިފައިންގެ އޮޕަރޭޝަން ކާމިޔާބުވީ ވައިގެ ހަމަލާތަކާ އެކު އެއްގަމު ސިފައިންނާ ގުޅިގެން ހަމަލާ ދިނުމުން ކަމަށެވެ. ސީރިއާ ސިފައިންގެ ކާމިޔާބީއާ ގުޅޭ ގޮތުން އަސަދު ވިދާޅުވީ ލަޝްކަރު މިހާރު އޮތީ ރައްގާއާ ވަރަށް ކައިރީގައި ކަމަށާއި ސީރިއާ އިން މިހާރު އެންމެ އިސްކަން ދެނީ ރައްގާ ހިފަން ކަމަށެވެ. ސީރިއާ ސިފައިން ދާދި ފަހުން ތަދުމުރް ހިފުމަކީ އިރާގާއި ސީރިއާގެ ސަޕްލައި މަގު އައިއެސް އަށް ބަންދުވުން ކަމަށް އަސަދު ވިދާޅުވި އެވެ.