09 ފެބުރުއަރީ 2025 - 14:40

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ސްޓްރޯކެއް ޖެހި ހާލު ދެރަވި ކަމަށް ބުނާ މައްސަލަ ރިވިއުކޮށް، އެއްވެސް އިހުމާލެއް ވޭތޯ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުޅުމާލޭ ފިތުރޯނު މަގުގެ އަރިމައްޗަށް އަރައި ހިނގި އެކްސިޑެންޓަކާ ގުޅިގެންނެވެ.
ފުލުހުން ބެލި ބެލުމުން އޭނާ ދުއްވި އުޅަނދު ހުޅުމާލެ ފޭސް ދެއަކުން ފޭސް އެކަކަށް ދަތުރުކުރަމުން ދަނިކޮށް ބްރިޖު ޑިވައިޑާގައި ޖެހުނު ކަން ވެސް އެނގުނު ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ ހެނދުނު 10:34 ގައި ކަމަށާއި ކުޑަކަމުދާ ތަކެތި ޓެސްޓު ކުރުމަށް ފަހު ނެގަޓިވް ވުމުން ހަވީރު 05:28 ގައި ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އާއިލާ އިން ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ސްޓްރޯކެއް ޖެހި، އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ހާލު ގޯސްވެފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު އަމަލު ކޮށްފައިވާ ގޮތް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވާ ނަމަ ނުވަތަ އިހުމާލެއް ވެފައިވާނަމަ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" ފުލުހުން ބުނެފައިވެ އެވެ.