09 ފެބުރުއަރީ 2025 - 13:23

އޮޅުވާލައިގެން ފައިސާ ހޯދަން ހިންގާ ސްކޭމެއްގެ ތެރެއިން، "އަހަރެން މީ ކާކުކަން އެނގޭތަ؟" ލިއެފައިވާ މެސެޖެއް ފޯނުތަކަށް ފޮނުވަން ފަށައިފި އެވެ.

މި ސްކޭމް މެސެޖު ވަރަށް ގިނަ މީހުންގެ ފޯނުތަކަށް އިއްޔެ އާއި މިއަދު ވަނީ ފޮނުވައިފަ އެވެ. އެ މެސެޖު ފޮނުވަނީ ވެސް އެކި ނަންބަރުތަކުންނެވެ.
އެ ސްކޭމް މެސެޖުގައި ލިޔެފައި ވަނީ "އަހަރެން މީ ކާކުކަން އެނގޭތަ؟ ފުރަތަމަ 1،000 ބައިވެރިންނަށް ކިރަބެޓް އިން ހިލޭ ފަސް ޑޮލަރު ދޫކުރާ މި ފުރުސަތު ގެއްލުވާނުލާ،" އެވެ. އަދި ލިންކެއް ހިމަނައި، ވީޕީއެން ބޭނުންކޮށްގެން އެ ލިންކަށް ވަނުމަށް އެ މެސެޖުގައި ބުނެފައިވެ އެވެ.
ބައެއް މީހުންނަށް ފޮނުވާ މެސެޖުތަކުގައި "މި އޮތީ ރަނުގެ ފުރުސަތެއް އަވަސްކޮށްލާ" ވެސް ލިޔެފައިވެ އެވެ.
ކިރަބެޓް އަކީ ޖުވާ ކުޅުމަށް ބޭނުންކުރާ އޮންލައިން ސައިޓެކެވެ.
ފުލުހުން މިއަދު ބުނީ ދައުރުވަމުންދާ މި ކަހަލަ ލިންކުތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް މިފަދަ ސައިޓްތައް ބްލޮކް ކުރަން ފޮނުވަމުން އަންނަ ކަމަށެވެ.
މިގޮތަށް ފޮނުވާ ގޮތް ނޭނގޭ ލިންކުތައް ނުހުޅުވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
ސްކޭމްގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ފުލުހުން ބުނި ގޮތުގައި، އެކި ކަހަލަ ސްކޭމްތަކާ ގުޅިގެން މިދިޔަ އަހަރު 1،661 މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައިވެ އެވެ. ސްކޭމް ކޮށްގެން މިދިޔަ އަހަރު 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް ފޭރުނެވެ.