14 މާޗް 2017 - 06:15

ނިދާ ހޭލާއިރު އަރުތެރޭ ކަހައި ލޮލާއި ނޭފަތުން ފެން އައިސް، މޫޑު ގޯސްވެފައި ހުރެދާނެ އެވެ. މިއީ ސިއްހީ ކޮންމެވެސް މައްސަލައެއްގެ އަލާމާތްތަކެވެ. އެކަމަކު ހަމަ ކޮންމެ ފަހަރަކުހެން، މިއީ އަރިދަފުސް ރޯގާގެ ފުރަތަމަ އަލާމާތްތަކެވެ.
މިހާ ހިސާބުން ރޯގާ ކޮންޓްރޯލްކޮށް ބޮޑުވަރު ވިޔަ ނުދިނުމަށް ކުރެވޭނެ ކަމެއް އޮންނާނެހެއްޔެވެ؟ ޓިޝޫ ފޮއްޓެއް ހިފައިގެން ނޭފަތް ފޮޅަން އޮތުން ނޫން ގޮތެއް ނޯންނާނެ ހެއްޔެވެ؟
ރޯގާ ޖެހެން އުޅޭކަން އެނގުމާ އެކު، އިތުރަށް ގޯސްވިޔަ ނުދިނުމަށް ކުރެވޭނެ ކަންކަން އެބަހުއްޓެވެ.
މިއީ އަރިދަފުސް ރޯގާގެ އަލާމާތްތައް ފެންނަން ފެށުމާ އެކު އެކަން ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން، ސިއްހީ މައުލޫމާތުތައް ގެނެސްދޭ، ވެބްއެމްޑީ ވެބްސައިޓުގައި ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާ އެވެ.
ފިކުރުތަކާއި ހަށިގަނޑާ ވަރަށް ބޮޑު ގުޅުމެއް ހުރެ އެވެ. އަރިދަފުސް ރޯގާއާ ދެކޮޅަށް ހަށިގަނޑު މަސައްކަތްކުރާއިރު މިކަން ހާއްސަ އެވެ. ވަރުބަލިވެ، މާ ބުރަކޮށް އުޅޭ ނަމަ ނުވަތަ ރުޅިގަދަވެ ޖަޒުބާތީ ވުމުން މޫޑު ގޯސްވާނެ އެވެ. އަރިދަފުސް ރޯގާގެ ވައިރަހާ ދެކޮޅަށް ހަށިގަނޑު މަސައްކަތްކުރާއިރު މި ހާލަތުގައި މީހާ ހުންނަ ނަމަ ރޯގާގެ ވައިރަހާ ދެކޮޅަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރެވޭނެ އެވެ.
ރޯގާ ޖެހެން އުޅޭކަން ހަށިގަނޑުން އެންގުމުން، އެކަމަށް އިޖާބަދީ ތައްޔާރުވާށެވެ. ވީހާވެސް ގިނައިން ނިދާށެވެ. ސްޓްރެސްވާ ކަހަލަ ކަންކަމާ ދުރުވާށެވެ. ސްޓްރެސް ވުމަކީ ފަސޭހައިން ރޯގާ ޖެހޭ ކަމެކެވެ.
ރޯގާ ޖެހެން އުޅޭކަން އެނގުމާ އެކު ހަށިގަނޑުގެ ދިފާއީ ނިޒާމު އަމިއްލައަށް ވެސް މަސައްކަތް ކުރާނެ އެވެ. އެކަމަކު މާގިނަ ސްޓްރެސް ސެލްތައް އުފެދޭ ނަމަ ދިފާއީ ނިޒާމަށް ރަނގަޅަށް މަސައްކަތެއް ނުކުރެވޭނެ އެވެ. އަދި ސްޓްރެސްގެ ސަބަބުން ހަށިގަނޑުގައި "ކޯޓިސޮލް" އިތުރުވެ އެވެ. މިއީ ދިފާއީ ނިޒާމުގެ މަސައްކަތަށް ހުރަސް އަޅާ އެއްޗެކެވެ. އެކަމުގެ ސަބަބުން ފަސޭހައިން ރޯގާ ޖެހެ އެވެ.
އެހެންވެ، ރޯގާއާ ދެކޮޅަށް ދިފާއީ ނިޒާމު ވަރުގަދައަށް ހަނގުރާމަ ކުރުވަން ވީހާވެސް ގިނައިން އަރާމު ކުރާށެވެ. ލުއިކޮށް ކަސްރަތު ވެސް ކުރާށެވެ.
އަރިދަފުސް އަޅައި ނޭފަތުން އަބަދު ފޭބުމަކީ އުނދަގޫ ބޮޑު ކަމެކެވެ. އަދި މި އަރިދަފުހުގެ ސަބަބުން ނޭފަތް ބެދިފައި ހުރުމަކީ ވެސް ވޭން ހުރި ކަމެކެވެ. މިކަން ލުއިކުރަން ބޭނުން ނަމަ ދިޔާ އެއްޗެހި ގިނައިން ބޯންޖެހެ އެވެ. ދިޔާ އެއްޗެހި ގިނައިން ބޮއެ، ހަށިގަނޑުން ފެން މަދުވިޔަ ނުދީ ބެހެއްޓުމުން ނޭފަތް ހުޅުވި، އަރިދަފުހުގެ ފަށަލަ ތުނިވެ، ކެއްސާއިރު އަދި ކަރު ކެހިގެން އަރިދަފުސްތައް ބޭރުކޮށްލަން ފަސޭހަވާނެ އެވެ.
އެކި ފާޑުގެ ބުއިންތައް ބުއިމުގެ ބަދަލުގައި އެންމެ ރަނގަޅީ ފިނި ނުކޮށް ހުންނަ ބޯފެނެވެ.
ރޯގާ ޖެހި ހުން ވައްތަރު ވެފައި ހުންނަ ނަމަ އިތުރަށް ފެން ބޯށެވެ. އެއީ ހުމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވާނެތީ އެވެ.
ހޫނު އެއްޗެހި ބުއިމުން، ރޯގާގެ ސަބަބުން ބެދިފައިވާ ނޭފަތް ހުޅުވި ކަރުގައި ރިހުމަށް ވެސް ލުއިވާނެ އެވެ. ކަރުގައި ރިއްސައި ކެއްސާ ނަމަ ހޫނު ސަޔަށް މާމުއި ފޮދެއް އަޅައިގެން ބުއިމުން ލުއިވާނެ އެވެ. އެކަމަކު 1 އަހަރުން ދަށުގެ ކުދިންނަށް މާމުއި ނުދޭށެވެ. އެ އުމުރުގެ ކުދިންނަށް މާމުއިގެ ސަބަބުން ނޭދެވޭ އަސަރު ކޮށްފާނެ އެވެ.
ރޯގާ ބޮޑަށް ޖެހުމުގެ ކުރިން އެކަން ރަނގަޅު ކުރަން ކަމެއް ނުކޮށް ހުރެފި ނަމަ ރޯގާގެ ވޭން ބޮޑުވެ 5-7 ދުވަހު އުނދަގުލުގައި އުޅެން ޖެހިދާނެ އެވެ. ރޯގާގެ އަސަރު ކުޑަކޮށް ހުއްޓާ ފަރުވާކުރަން ފަށައިފި ނަމަ، އެ ހުރި މިންވަރުގައި ރޯގާ ކޮންޓްރޯލް ކުރެވިދާނެ އެވެ.
އަލާމާތްތައް ފެންނަން ފެށުމާ އެކު އެންޓިހިސްޓަމިން އަދި ނޭފަތް ބެދޭތީ ބޭނުންކުރާ ބޭހަކުން ފަރުވާ ފަށާށެވެ.
އެހެން ބައްޔެއް ހުންނަ ނަމަ ނުވަތަ އާދައިގެ ރޯގާއެއް ނޫން ކަމަށް ހީވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދައިގެން ފަރުވާ ކުރާށެވެ.