09 ފެބުރުއަރީ 2025 - 06:34

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 48،181 އަށް އަރާފައިވާ ކަމަށް، ހަމާސް އިން ޣައްޒާގައި ހިންގާ ހެލްތު މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ހަމާސް އާއި އިޒްރޭލުން ހަމަލާތައް މެދުކަނޑާލުމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ވީ އެއްބަސްވުމަށް ފަހު ވެސް، ހަމަލާތަކުގައި މަރުވި އަދަދުގެ ހިސާބުތައް ދަނީ މައްޗަށެވެ.
ހެލްތު މިނިސްޓްރީން ބުނީ ޣައްޒާއަށް ވަނުމުގެ ހުއްދަ ލިބުމާ އެކު، ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތައް ނަގައި ސާފުކުރަމުން ދާއިރު މަރުވެފައިވާ މީހުންގެ ހަށިތައް ފެންނަމުންދާތީ އަދިވެސް އަދަދު މަތިވާނެ ކަމަށެވެ. އަދި ހަމަލާތަކުގައި ޒަހަމްވި އެތައް ބަޔަކު ވެސް ފަހުން މަރުވެފައިވާ ކަމަށް ބުންޏެވެ.
މިނިސްޓްރީން އިއްޔެ ބުނީ، ބުރާސްފަތި ދުވަހާއި ބުދަ ދުވަހު 26 މީހެއްގެ ހަށިގަނޑު ފެނިފައި ވާއިރު މިހާތަނަށް އިތުރު 570 މީހެއްގެ މަރު އަލަށް ކަށަވަރުވެފައިވާ ކަމަށެވެ.
އޮކްޓޫބަރު 7، 2023 ގައި ދޭން ފެށި ހަމަލާތަކުގައި 111،638 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
މި އަދަދުތަކާ މެދު އިޒްރޭލުން ޝައްކު އުފެއްދި ނަމަވެސް ހަމާސް އިން ހާމަކުރާ މި އަދަދުތައް ރަނގަޅު ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.
އިނގިރޭސި ވިލާތުގެ މެޑިކަލް ޖާނަލް "ދަ ލާންސިޓް" ގައި ޖެނުއަރީ މަހުގެ ކުރީކޮޅު ޝާއިއުކުރި ދިރާސާއަކުން އަންދާޒާކޮށްފައިވާ ގޮތުގައި ހަމަލާތަކުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ޣައްޒާގައި މަރުވި މީހުންގެ އަދަދު ޣައްޒާގެ ހެލްތު މިނިސްޓްރީން ރެކޯޑްކޮށްފައިވާ ތަފާސް ހިސާބުތަކަށް ވުރެ ގާތްގަނޑަކަށް 40 ޕަސެންޓް އިތުރެވެ.