07 ފެބުރުއަރީ 2025 - 15:29

ރީތިރަށް ރިސޯޓު ކައިރިން އޭޑީކޭ ގުރޫޕްގެ ލަގްޒަރީ ބޮޑު ޔޮޓެއްގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރީތިރަށް ރިސޯޓު ކައިރިން ފަސް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ "ނަވައިމާ" ނަމަކަށް ކިޔާ ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު 3:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި އެ ޔޮޓު އަޑިއަށް ގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ވަގުތު އޭގައި ފަސް މީހުން ތިއްބެވެ. އޭގެ ތެރެއިން އެކަކު ފިހިގެން ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އަލިފާނުގެ ހާދިސާގައި އަނިޔާ ލިބުނު ދިވެހި ފިރިހެނަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާގެ ހާލު ސްޓޭބަލް ކަމަށް އަފްއާލް ވިދާޅުވި އެވެ.
ނަވައިމާއަކީ އޭޑީކޭ ގްރޫޕުން ހިންގާ ޔޮޓެކެވެ. މީގެ 17 އަހަރު ކުރިން ބަނދެފައިވާ އެ ޔޮޓަކީ 26.25 މީޓަރު ދިގު އުޅަނދެކެވެ.
އެ ހާދިސާ ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.