12 މާޗް 2017 - 11:53

ބާސެލޯނާގެ ޓޯވޯ އެކެޑަމީގައި ކޯޗިންގެ ތަމްރީންތަކެއް ހެދުމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ސްޕެއިނަށް ފުރައިފި އެވެ.
ސޮބާ އަށް މި ކޯޗިން ކޯހުގެ ފުރުސަތު ހޯދައިދިނީ ވިކްޓަރީގެ ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އެވެ. އަދި މި ކޯހު ހުރިހާ ހަރަދެއް ބަލަހައްޓަނީ ގްރީން ސްޓްރީޓްސް އިންނެވެ.
ގްރީން ސްޓްރީޓްސްގެ ރައީސް އަހުމަދު ޝަޒީން "މިހާރަ"ށް ވިދާޅުވީ މިއީ ކްލަބުން މުސްތަގުބަލަށްޓަކައި މުހިއްމު ކަމެއްގެ ގޮތުގައި ކުރާ ކަމެއް ކަމަށެވެ.
"މިއީ މާއްޓޭ ސޮބާ އަށް ހޯދައިދިން ފުރުސަތެއް. އަޅުގަނޑުމެން ކްލަބުން މިދެނީ ހުރިހާ ހަރަދެއް. ހަގީގަތުގައި މިއީ ވަރަށް ކުރިންސުރެއް އަޅުގަނޑުމެން ބޭނުންވާ ކަމެއް. ޓީމު ފުރަތަމަ ޑިވިޝަނަށް އެރި ހިސާބުން އަޅުގަނޑުމެން ބޭނުންވި ކުޅުންތެރިންނާއި ސޮބާ އަށް ވެސް އިތުރު ފުރުސަތު ހޯދައިދޭން. އޭގެ ތެރެއިން ކުރެވޭ މުހިއްމު ކަމެއް މިއީ،" ޝަޒީން ވިދާޅުވި އެވެ.
ޓޯވޯގެ ކޯހުގެ ޕްރެކްޓިކަލް ބަޔަށް ސޮބާ މިއަދު ބާސެލޯނާ އަށް ދިޔައިރު، އެކެޑަމީގައި 12 ދުވަސް ހޭދަކުރާނެ އެވެ.
ގްރީން ސްޓްރީޓްސް އިން އަންނަނީ ޓޯވޯ އެކެޑަމީއާ އެކު ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން ޓޯވޯ އެކެޑަމީގެ ބައެއް ކޯޗުންނަށް ދައުވަތުދީގެން ގްރީން ސްޓްރީޓްސް ކުޅުންތެރިންނާއި އެ ކްލަބްގެ އެކެޑަމީ ކުޅުންތެރިންނަށް އިތުރު ތަމްރީން ހޯދައިދިނުމުގެ ވިސްނުން ވެސް އެ ޓީމުން ގެންގުޅެ އެވެ.
"އަދި އެއްބަސްވުމަކަށް ނާދެވުނަސް އަޅުގަނޑުމެންގެ ޝައުގުވެރިކަން އެބަހުރި ގްރީން ސްޓްރީޓްސް އަށް ޓޯވޯ އެކެޑަމީ މެދުވެރިކޮށް ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ހިފަން. ހަގީގަތުގައި މީގެއިން މި ކްލަބަށް ވެސް އަދި ފުޓްބޯޅަ އަށް ވެސް ގިނަ ފައިދާ ކުރާނެ،" ޝަޒީން ވިދާޅުވި އެވެ.
ކޯޗިންގައި ސޮބާގެ އެންމެ ފުރަތަމަ ބޮޑު މަސައްކަތް ފެށީ 2015 ވަނަ ނިއު ރޭޑިއަންޓުންނެވެ. އޭނާ ވަނީ އެ ފަހަރު ނިއުގެ ކޯޗެއްގެ ޒިންމާ ނަގައި އެ ޓީމުގައި އަށް މަސް ދުވަހު މަސައްކަތް ކޮށްފަ އެވެ. އެ މުއްދަތުގައި އޭނާ ވަނީ އޭއެފްސީ ކަޕާއި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ވަރުގަދަ މެޗުތަކުގައި ނިއުގެ ކޯޗެއްގެ ޒިންމާ އުފުލައިފަ އެވެ.
މިދިޔަ އަހަރު ގްރީން ސްޓްރީޓްސް ކޯޗުކަމާ ހަވާލުވެ އެ ޓީމަށް ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނީ ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރުމަށް ފަހު އެވެ. މިއަހަރުގެ މިހާތަނަށް މާލޭ ލީގުގައި ކުޅުނު ތިން މެޗުން ގްރީން ސްޓްރީޓްސް ވަނީ ވިކްޓަރީ ބަލިކޮށް ވެލެންސިއާއާ އެއްވަރުކޮށްފަ އެވެ. އަދި އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުން މާޒިޔާ އަތުން ވަނީ ބަލިވެފަ އެވެ.
ސޮބާ ނެތުމުން ގްރީން ސްޓްރީޓްސްގެ ކޯޗުގެ ޒިންމާ ވަގުތީ ގޮތުން ނަގާނީ އެ ކްލަބްގެ އެސިސްޓަންޓް ކޯޗު ފަރީދު މުހައްމަދު އެވެ. ގްރީން ސްޓްރީޓްސް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި މި މަހު 20 ވަނަ ދުވަހު ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.