15 ޖޫން 2016 - 07:50

އަންނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ ސައިންސް ފިކްޝަން ފިލްމް "ދަ ޑިސްކަވަރީ" ގެ ޑިސްޓްރިބިއުޝަން ރައިޓްސް ނެޓްފްލިކްސް އަށް ލިބިއްޖެ އެވެ.

އެ ފިލްމް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްޓްރީމް ކުރުމުގެ ޒިންމާ ނަގާނީ ނެޓްފްލިކްސްއިންނެވެ.
މިއީ ނެޓްފްލިކްސްގެ ފޭނުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ. ނެޓްފްލިކްސް އިން ބުނީ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި މިހާރު އޮތް "ދަ ޑިސްކަވަރީ" ރައިޓްސް އެ މީހުން ގަތީ، މި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށްވާތީ ކަމަށެވެ.
ޗާލީ މެކްޑޮވެލް ޑައިރެކްޓް ކުރާ "ދަ ޑިސްކަވަރީ" ގެ ލީޑް ރޯލުން ފެނިގެން ދާނީ "ހައު އައި މެޓް ޔޯ މަދާ" ފަދަ މަޝްހޫރު ޓީވީ ސިލްސިލާތައް ވެސް ކުޅެފައިވާ ޖެސަން ސެގެލް އާއި ރޫނީ މާރާގެ އިތުރުން ރޮބަޓް ރެޑްފޯޑެވެ.
ޖެސަން އާއި މާރާ ފެނިގެން ދާނީ ދެ ލޯބިވެރިންގެ ރޯލުންނެވެ.
ރޯޑް އައިލެންޑްގައި ބޮޑު ބައި ޝޫޓްކޮށްފައިވާ "ދަ ޑިސްކަވަރީ" ގެ އިތުރު ތަރިންގެ ތެރޭގައި ޖެސީ ޕްލެމަންސް، ރިލޭ ކިއޯ އަދި ރޮން ކެނެޑާ ހިމެނެ އެވެ.
އެލެކްސް އޯލޮވޮސްކީ އާއި ޖޭމްސް ޑީ ސްޓާން ޕްރޮޑިއުސް ކުރާ ފިލްމްގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "ދަ ވަން އައި ލަވް" ފަދަ ފިލްމްތައް ވެސް ޑައިރެކްޓްކޮށްފައިވާ މެކްޑޮވެލް އާއި ޖަސްޓިން ލެޑާ އެވެ.