06 ފެބުރުއަރީ 2025 - 14:22

ދޯނި ފަރަށް އަރައި ކާޑުތަކަށް ގެއްލުން ވިއަސް، ގއ. އަތޮޅުގެ ދެ ރަށަށް ރޯދަމަހުގެ ކުރިން ހަދިޔާގެ ޝިޕްމަންޓު އަލުން ފޮނުވާނެ ކަމަށް ލިއޯ ޓްރޭޑިން އިން މިއަދު ބުނެފި އެވެ.
އެ އަތޮޅު ނިލަންދޫ އަދި ދާންދު އަށް ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރި ލިއޯގެ ދޯނި މިދިޔަ އަންގާރަ ދުވަހު ފަރަށް އަރައި، އޭގައި ހުރި ކާޑު ބަސްތާތައް ވަނީ މޫދަށް ވެރިފަ އެވެ.
އެހެންވެ، އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ދެ ރަށުގައި މީހުން އުޅޭ ކޮންމެ ގެއަކަށް ޗެއާމަން އަބްދުﷲ ސަވާދު ހަދިޔާ ކުރައްވާ ކާޑު ޝިޕްމަންޓެއް ރޯދަމަހުގެ ކުރިން ފޮނުވާނެ ކަމަށެވެ. ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން މި ފަހަރު ކޮންމެ ގެއަކަށް ކަދުރު ވެސް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިލަންދުއަކީ ފުޅާދާއިރާއެއްގައި ލޮޖިސްޓިކް ވިޔަފާރި ކުރައްވާ ސަވާދުގެ އުފަން ރަށެވެ.
އެ ފަހަރު އެކެފަރު ފަރަށް އެރި ދޯނީގައި ހަކުރާއި ހަނޑުލާއި ފުށުގެ 1،070 އަށްވުރެ ގިނަ ބަސްތާ ހުއްޓެވެ.
ވިލިނގިލީ ކައިރި ފަރަށް އެރުމާއެކު އެ ހުރިހާ ކާޑެއް ވަނީ މޫދަށް ވެރިފަ އެވެ.