ލެވަންޑޯސްކީ ބަޔާނަށް 100 ލަނޑު ހަމަކޮށްފި
ލެވަންޑޯސްކީ ބަޔާނަށް 100 ލަނޑު ހަމަކޮށްފި

މިއުނިކް (މާޗް 12) - ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބަޔާން މިއުނިކަށް 100 ލަނޑު ހަމަކުރި މެޗުން އެ ޓީމު 3-0 އިން އައިންޓްރެކްޓް ފްރޭންކްފާޓް އަތުން މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު ބަޔާން ވަނީ ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ލީގުގެ ދެ ވަނައިގައި އޮތް އާރްބީ ލިޕްޒިގު ރޭ ކުޅުނު މެޗުން ވަނީ ވުލްފްސްބާގް އަތުން 1-0 އިން ބަލިވެފަ އެވެ. އަދި ތިން ވަނައިގައި އޮތް ޑޯޓްމަންޑް ބަލިވީ ހާތާ ބާލިންއާ ވާދަކޮށް 2-1 އިންނެވެ.

ބަޔާން އެެއް ވަނައިގައި އޮތީ 24 މެޗުން 59 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިޕްޒިގަށް ލިބިފައިވަނީ 24 މެޗުން 49 ޕޮއިންޓެވެ. ޑޯޓްމަންޑަށް ލިބިފައިވަނީ 24 މެޗުން 43 ޕޮއިންޓެވެ.

ރޭގެ މެޗުގައި ލެވަންޑޯސްކީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މިއީ 2014 ވަނަ އަހަރުގެ ޖޫން މަހު ޑޯޓްމަންޑް ދޫކޮށް ބަޔާނަށް ބަދަލުވި ލެވަންޑޯސްކީ ބަޔާނަށް ކުޅުނު 136 ވަނަ މެޗެވެ.

ބަޔާންގެ އަނެއް ލަނޑު ކާމިޔާބުކުރީ ބްރެޒިލްގެ މިޑްފީލްޑަރު ޑަގްލަސް ކޮސްޓާ އެވެ.

ބަޔާންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މިއީ އޭނާ ބޭނުންވި ފެންވަރަށް އެ ޓީމުން ކުޅުނު މެޗެއް ކަމަށެވެ.

"އަހަރެން އަބަދުވެސް ބޭނުންވަނީ ޕްރެޝަރުގައި މޮޅު ކުޅުން ދައްކަން. ފަސޭހަ މެޗެއްގައި އަހަރެމެންނަށް މޮޅެވިދާނެ. އެކަމަކު އެންމެ ރަނގަޅަށް ފެންވަރު ވަޒަންކޮށްލެވޭނީ ޕްރެޝަރު މެޗެއްގައި ބޭނުންވާ ފެންވަރަށް މޮޅަށް ކުޅެގެން. މިއީ އެ ހިތްހަމަ ޖެހުން ލިބުނު މެޗެއް،" އަންޗެލޮޓީ ބުންޏެވެ.

އޭނާ ބުނީ 10 ޕޮއިންޓުގެ ލީޑެއް ލިބުނު ނަމަވެސް ފަހު މެޗުތަކަށް ނުކުންނައިރު ފަސޭހަ ކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭނެ ކަމަށެވެ.