12 މާޗް 2017 - 09:17

ބަޣުދާދު (މާޗް 12) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި އޮތް މޫސަލްގެ ބާދޫޝް ޖަލު ކައިރިން ގިނަ ބަޔަކު ވަޅުލާފައިވާ ތަނެއް އިރާގު ސިފައިން ހޯދައިފި އެވެ.
އިރާގު ސިފައިންނާ އެކު އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރާ ޝިއައީ ޖަމާއަތެއް ކަމަށްވާ ހަޝްދު އަލް ޝާބީ އިން ބުނީ ބޮޑު ކަށްވަޅުގެ ތެރޭން 500 ވަރަކަށް މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި އެއީ އައިއެސް އިން އެ ޖަލު ހިފި އިރު ގައިދީންގެ ގޮތުގައި ތިބި އާއްމުން ކަމަށް ވެސް ބުނެފައިވެ އެވެ.
އައިއެސް އިން ޖޫން، 2014 ގައި ބާދޫޝް ޖަލު ހިފި އިރު އެ ތަނުން 600 އަށް ވުރެ ގިނަ ގައިދީން މަރާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ގިނަ އިން މަރާފައި ވަނީ ޝިއައީންނެވެ. ބާދޫޝް ޖަލު އިރާގު ސިފައިން ވަނީ މިިދޔަ ހަފުތާގައި ހިފައިފަ އެވެ.
ޖޫން، 2014 ގައި ޖަލު ހިފުމަށް ފަހު 1،500 ގައިދީން އެކަހެރިކޮށް ލޮރީއަކަށް އަރުވައިގެން ހަނަފަސް ހިސާބަކަށް ގެންދިޔަ ކަމަށް، ސަލާމަތްވި މީހުންނާ ހަވާލާދީ ހިއުމަން ރައިޓްސް ވޮޗުން 2014 ވަނަ އަހަރު ނެރުނު ރިޕޯޓުގައި ބުންޏެވެ. އައިއެސްގެ ހަނގުރާމަވެރިން ވަނީ ގައިދީންގެ ތެރޭން ސުންނީންނާއި ޝިއައީން އަދި ކްރިސްޓިއަނުން ވަކިކޮށް ވަޅުގަނޑެއްގެ ކައިރީ އަތުރާފައި ބޭތިއްބުމަށް ފަހު ޝިއައީންގެ ބޮލަށް ބަޑިޖަހާ މަރާފައިވާ ކަމަށް ސަލާމަތްވި މީހުން ބުންޏެވެ. ބައެއް މީހުން ސަލާމަތްވީ އެ މީހުން މަރުވި ކަމަށް ހެދިގެން ތިބުމުން ނުވަތަ އެހެން މީހެއްގެ ނިވަލުގައި ހުރުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
ބާދޫޝް ޖަލު ކައިރިން 500 މީހެއްގެ ހަށިގަނޑު ވަޅުލާފައިވާ ކަށްވަޅެއް ފެނުނު ކަމަށް ހަޝްދު އަލް ޝާބީ ހަނގުރާމަވެރިން ބުނި ނަމަވެސް އިރާގު ސިފައިން އެކަން އަދި ޔަގީންކޮށެއް ނުދެ އެވެ.
އިރާގުގެ ނައިންތު އާމާޑް ޑިވިޝަނާއި ހަނގުރާމަވެރި ޖަމާއަތްތަކުން ބަދޫޝް ޖަލު މިދިޔަ ހަފުތާގައި ހިފުމަށް ފަހު އިރާގު ދިދަ ވަނީ ނަގައިފަ އެވެ. އައިއެސް އިން ހައްޔަރުކޮށްފައިވާ އެއްވެސް މީހަކު އެ ޖަލުގައި ހުރި ކަމަށް އިރާގު ސިފައިން ބުނެފައެއް ނުވެ އެވެ.
މޫސަލް ހިފުމުގެ ހަނގުރާމަ އިރާގު ސިފައިން ފެށީ އޮކްޓޯބަރު މަހު އެވެ. އަދި އެ ސިޓީގެ އިރުމަތީގެ ހިސާބުތައް ވަނީ ޖެނުއަރީ މަހު ހިފައިފަ އެވެ. އިރާގު ސިފައިން މިހާރު ކުރިއަށް ގެންދަނީ މޫސަލްގެ ބައިބޯ ހުޅަނގުގެ ހިސާބުތަކުން އައިއެސް ފައްސާލުމުގެ މަސައްކަތެވެ. އިރާގު ސިފައިން ވަނީ މޫސަލްގެ ސަރުކާރު އޮފީސްތައް ހިމެނޭ އިމާރާތް ހިފައިފަ އެވެ. އަދި މިއުޒިމާއި ބޭންކް ވެސް ވަނީ ހިފައިފަ އެވެ.