12 މާޗް 2017 - 00:59

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގަދަ 12 އިން ފުރުސަތު ތަނަވަސް ކުރި، ދެ އަންހެން ބައިވެރިންގެ ތެރެއިން ޝަޒާ އަބްދުﷲ ރަޝީދުގެ މޯލްޑިވިއަން އައިޑޮލް ދަތުރު ރޭ ގަދަ 11 ހަމައިން ނިންމައިލަން ޖެހިއްޖެ އެވެ.

ރ. އަލިފުއްޓަށް އުފަން ޝަޒާއަކީ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ޕިއާނޯ ރައުންޑާ ހަމައަށް ފުރުސަތު ހޯދި މަދު އަންހެން ބައިވެރިންގެ ތެރެއިން އެކަކެވެ.

އޭނާ ރޭ މުބާރާތުން ކަޓައިގެން ދިއުމާ އެކު، މިހާރު މި ސީޒަންގައި ބާކީ ހުރީ އެންމެ އަންހެން ބައިވެރިއެކެވެ. އެއީ އައިޝަތު ޖައިޝާ ވަހީދެވެ.
ޝަޒާ އަށް އައިޑޮލްގެ ދަތުރު ކުރުކޮށްލަން ޖެހުނު އިރު، ބެލުންތެރިންގެ 50 ޕަސަންޓް ވޯޓާއި ޖަޖުންގެ 50 ޕަސަންޓް ނަތީޖާއިން އެންމެ ދަށްކޮށް ވޯޓް ލިބިގެން ބޮޓަމް ތްރީ އަށް ރޭ ދިޔައީ ޝަޒާ އާއި ހަސަން އިރުފާން (ޒަކިއްޓެ) އަދި އަބްދުﷲ ހިޝާން އެވެ.
ޝަޒާ ރޭ ބުނީ މޯލްޑިވިއަން އައިޑޮލް އޭނާ އަށް ވަރަށް މުހިއްމު ކަމަށާއި ލަވަ ކިޔުމަކީ ކިހާ ވަރެއްގެ ކަމެއްކަން އެނގުނީ އައިޑޮލްގެ ސަބަބުން ކަމަށެވެ. އަދި އެންމެ ފަހު ވަގުތާ ހަމައަށް ވެސް މުބާރާތުގައި ދެމި ހުންނަން ބޭނުންވާ ކަމަށް ބުންޏެވެ.
ޝަޒާ މުބާރާތުން ބަލިވުމާ އެކު މިހާރު މި ވަނީ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްހެ ގަދަ 10 ކަށަވަރުވެފަ އެވެ. އަންނަ ހަފުތާގައި ހުކުރު ދުވަހުގެ ރޭ އެ ބައިވެރިންގެ ހުށަހެޅުންތައް ފެނިގެން ދާނެ އެވެ.
1. މުހައްމަދު ތަސްނީމް (ބޮބް) 2. އިބްރާހީމް ވަހީދު (ބޮޑުބެ) 3. މުހައްމަދު ރީހާން 4. ޝަމްވީލް މުހައްމަދު (ބޮރޯ) 5. ހަމޫދު އަހުމަދު (އަލްވިން) 6. އަހުމަދު ނަބީލް މުހައްމަދު 7. ހުސައިން އިރުފާން (ޒަކިއްޓެ) 8. އަބްދުﷲ ހިޝާން 9. އަހުމަދު ފަރަޝް 10. އައިޝަތު ޖައިޝާ ވަހީދު (ޖައި)
ރޭގެ ޝޯ ހާއްސަ އަންހެނުންގެ ދުވަހަށް ހާއްސަ ކުރި އިރު، ރޭ ބައިވެރިން މުޅިން ވެސް ހުށަހަޅާފައި ވަނީ ރާއްޖޭގެ ކުޅަދާނަ ބައެއް އަންހެން ލަވަ ލިޔުންތެރުންގެ ލަވަތަކެވެ.
އަދި ހާއްސަ މެހުމާނެއްގެ ގޮތުން މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ޝިފާ ތައުފީގް ވެސް ރޭގެ ޝޯގައި ބައިވެރި އެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ކުޅަދާނަ އަންހެން ލަވަ ކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޝިފާއަކީ 25 އަހަރަށް ވުރެ ގިނަ ދުވަހު މިއުޒިކީ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. އެތައް އަލްބަމަކާއި ފިލްމްތަކަށް ވެސް ލަވަ ކިޔާފައިވާ ޝިފާ ވަނީ މިހާތަނަށް 600 އަށް ވުރެ ގިނަ ލަވަ ރެކޯޑްކޮށްފަ އެވެ.
ޝިފާ ރޭ ބުނީ އެ މީހުން މިއުޒިކީ ދާއިރާ އަށް ނިކުތް ދުވަސްވަރަކީ ފުރުސަތުތައް ވަރަށް މަދު ކުރިއަށް ދެވޭނެ މާ ގިނަ މަގުތަކެއް ނެތް ޒަމާނެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު މޯލްޑިވިއަން އައިޑޮލް ފަދަ ޝޯތައް ގެނެސްދޭތީ މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ވަރަށް ރަނގަޅު ޕްލެޓްފޯމެއް ހުޅުވިފައިވާކަން އޭނާ ފާހަގަ ކުރި އެވެ.
އެހެންވެ މި ފުރުސަތު ފަހިކޮށް ދިނުމުގެ ފަހަތުގައި ތިބި މީހުންނަށް ބައިވެރިން ޝުކުރުވެރި، އެ މީހުންގެ މަތިން އަބަދު ވެސް ހަނދާން ކުރަން ޖެހޭނެ ކަމަށް ޝިފާ ބައިވެރިންނަށް ހަނދާންކޮށް ދިނެވެ.
މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މޯލްޑިވިއަން އައިޑޮލްއަކީ ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ރިއަލިޓީ ޝޯ އެވެ.