05 ފެބުރުއަރީ 2025 - 09:12

ލ. މާބައިދޫ ކައުންސިލްގެ މެމްބަރު ހަސަން ޒަރީރު އިއްޔެ ނިޔާވެއްޖެ އެވެ.
އެ ރަށު ކައުންސިލުގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ އުމުރުން 58 އަހަރުގެ ޒަރީރު އުޅުއްވީ އެއްވެސް ބައްޔެއްގައި ނޫން ކަމަށާއި އޭނާ ނިޔާވީ ކުއްލި ގޮތަކަށް ކަމަށެވެ.
އިއްޔެ މެންދުރު އޮތް ކައުންސިލުގެ ބައްދަލުވުމުގައި ވެސް އޭނާ ބައިވެރިވެވަޑައިގަތެވެ.
"ހަށިހެޔޮ ދުޅަހެޔޮ ވީކް ފާހަގަކުރަންވެގެން ކައުންސިލުގައި އިއްޔެ އޮތް ސެޝަނެއް 1:15 އިން 2 އަކަށް. ޒަރީރު ވަނީ އޭގައި ވެސް ބައިވެރިވެވަޑައިގެންފައި،" ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.
އޭނާ ނިޔާވީ އިއްޔެ ހަވީރު އަސުރު ނަމާދުން ފައިބައިގެން ގޭ ކައިރީ ޖޯއްޔެއްގައި އިންނަވަނިކޮށް މެޔަށް ތަދެއް އަރައިގަތުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ.
ޕީޕީއެމްގެ ޓިކެޓުގައި މާބައިދޫ ކައުންސިލަށް އިންތިހާބުކުރި ޒަރީރު ނިޔާވުމާ ގުޅިގެން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވެސް ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
މާބައިދޫ ކައުންސިލަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.