12 މާޗް 2017 - 06:03

ހެލޭ ދަތް އުފުރައިލަން ފަސޭހަވާނެއެވެ. ހިތުގައިޖެހިފައި ހުންނަ ވަގުތު ރޮއްވައިލަން ވެސް ފަސޭހަވާނެއެވެ. އަހަންނަށް ދިމާވީ އެ ކަހަލަ ގޮތެކެވެ. އަހަރެން ހުރީ ވަރަށް އެކަނިވެރިވެފައެވެ. ބާކީ ކޮށްލެވިފައެވެ. ސިކާރައަކަށް ހަދަން އެހާ ފަސޭހަވީ އެހެންވެއެވެ. އުމުރުން ސަތާރަ އަހަރުއްސުރެ އަހަރެންގެ ހިޔަމިތުރަކީ ލީޒާއެވެ. އަހަރުމެންގެ ލޯތްބަށް ހަތް އަހަރު ފުރުނުއިރު ވެސް އަހަރުމެންނަށް ހީވަނީ ހަތް މިނެއްޓު ފުރުނުހެންނެވެ. ދެކޭހިތް ވެއެވެ. ވާހަކަދައްކާހިތް ވެއެވެ. ވަކިވަނީ، ދައްކަންހުންނަ ވާހަކަ ހުސްނުވަނީހެވެ. ޒުވާބަކީ ކޮބައިކަމެއް، ފޫއްސަކީ ކޮބައިކަމެއް އަހަރުމެންނަކަށް ނޭނގެއެވެ. ރައްޓެހިން ބުނެއެވެ. ފަރުދާގެ ފުރަގަހުގައި އޭނަ ވަރުގަދަ ކުޅިގަނޑެއް އެބަ ކުޅެއެވެ. އަހަރެން ގަބޫލެއް ނުކުރަމެވެ.
އެއްރެއަކު އަހަރެން ނިދަންއުޅެނިކޮށް ރައްޓެއްސަކު ގުޅިއެވެ. ލީޒާގެ އެފްބީ ޕޭޖު ބަލައިލުމަށް އެދިފައި ފޯނު ބޭއްވީއެވެ. އެ އެކައުންޓަށް ވަނުމުން އަހަންނަށް ލިބުނީ ސިހުމެކެވެ. ކުރިން ލީޒާގެ ޑިސްޕްލޭ ފޮޓޯއަކީ، އަހަރުމެން ދެ މީހުން އެކުގައި ނަގައިފައިވާ ފޮޓޯއެކެވެ. ދެން ވެސް ލާފައިވަނީ އެ ކަހަލަ ފޮޓޯއެކެވެ. ތަފާތަކީ، އަހަރެންގެ ބަދަލުގައި އެހެން ފިރިހެނެއް ހުރިކަމެވެ. ވަގުތުން ލީޒާއަށް ގުޅީމެވެ. ފޯނެއް ނުނެގިއެވެ. އެއީ ދުވަހަކު ވެސް ވީކަމެއް ނޫނެވެ. އަހަރެން ގުޅައިފިއްޔާ ލީޒާ ފޯނު ނަގާނެއެވެ. އެ ރޭ ހޭލާއިނދެގެން ލީޒާއަށް މެސެޖު ފޮނުވީމެއެވެ. އެންމެ މެސެޖަކަށް ވެސް ޖަވާބެއް ނުފޮނުވިއެވެ. އަހަރެން ވަރަށް ދެރަވިއެވެ. ގައިން ބަޔެއް މަދުވި ކަހަލައެވެ.
ލީޒާގެ ގެއަށް އަހަރެން ދިޔައީމެވެ. ގޭގެ ހުރިހައި އެންމެން ވެސް އަހަންނާ ވަރަށް ރައްޓެއްސެވެ. ސަކަރާތްޖަހައި ސަމާސާކޮށް ހަދައެވެ. އެހެންނަމަވެސް، އެ ދުވަހު އެންމެންގެ މޫނުމަތިން ވެސް ފެނުނީ ބީރައްޓެހިކަމެކެވެ. އަހަންނާ ހަތަރުކަޅި ހަމަކުރަން އެ މީހުންނަށް އުނދަގުލެވެ. އެ ކަމާ ހައިރާންވެފައި އަހަރެން ހުއްޓައި ލީޒާގެ މަންމަ އައެވެ. އެއީ، އަހަރެން ވެސް މަންމައެއް ކަމުގައި ދެކޭ މީހެކެވެ.
"ދަރިފުޅު އޭނަމަތިން ހަނދާންނައްތާލާ،" ހިތްހަމަނުޖެހިފައި މަންމަ ބުންޏެވެ. "އިއްޔެ ފެނުނު މީހަކާހެދި މޮޔަވެފަ އެހެރީ. އިންނާށޯ ބޭނުމީ. މި ފަހަރު އެ ބޮނޑިބޯނެ."
މަންމަގެ ވާހަކައިން އަހަރެންގެ ހުރިހާ ސުވާލެއްގެ ޖަވާބެއް ނުލިބުނެވެ. އެ ޖަވާބުތައް ލިބުނީ ލީޒާގެ އަންހެން ކޮއްކޮގެ ފަރާތުންނެވެ. އެހެން ފިރިހެނަކާ ލީޒާ ހިތާވީއެވެ. ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟ އެއް ފަހަރު ލީޒާޔާ ބައްދަލުކޮށްލަން އަހަރެން ބޭނުންވިއެވެ. ލީޒާ ނުނިކުތެވެ. މީހުން ބުނެއެވެ. ފިރިހެނުންނެއް ނުރޯނެވެ. އަހަރެން ރުއީމެވެ. އަހަރެންގެ ގެއަށް ގޮސް، ކޮޓަރިއަށް ވަދެ ތަޅުލައިގެން އިނދެ ރުއި ނަމަ ތަންކޮޅެއް މަންޒަރު ރީތިވީހެވެ. އަހަރެން އިނީ ލީޒާގެ ގޭގައެވެ. ކަރުނައެއް ނުހިފޭއްޓުނެވެ. ގޭގެ އެންމެން އަހަންނަށް ހިތްވަރުދިންއިރު ވެސް ލީޒާ ދެނަހުރިކަމަކަށް ނުހެދިއެވެ. އެ ހިސާބުން އެ ސަފުހާ ލައްޕައިލީމެވެ.
އަހަރެންގެ ދިޔައީ ގެއަށެވެ. އޮފީހަށް ނުކުންނާނެ ހިތްވަރެއް ނުލިބުނެވެ. ކާހިތް ކެނޑުނެވެ. އެނދުގައި އެކަނިމާއެކަނި އޮށޯވެލައިގެން އޮތްއިރު ވެސް ހިތުގައި އެނބުރީ އެންމެ ސުވާލެކެވެ. ސަބަބަކީ ކޮބައިހެއްޔެވެ؟ ލީޒާ ވާހަކަނުދައްކާހާ ހިނދަކު އެ ސުވާލުގެ ޖަވާބެއް ނުލިބޭނެއެވެ. ރައްޓެހިންނަށް އެ ޚަބަރު ލިބުނު ގޮތެއް ނޭނގެއެވެ. އެކި މީސްމީހުން ގުޅައިގެން ހިތްވަރުދިނެވެ. ބައެއް އެކުވެރީން އެ ކަން ކުރީ ތަފާތު ގޮތަކަށެވެ.
"ތެދުވެރިވެގެން ލިބުނީ ކޯޗެއް؟" އެންމެ ގާތް އެކުވެރިޔާ ބުންޏެވެ. "ކަލޭ ދެން މާ ވަރަކުން ވިއްޔަ އުޅުނީ. ހެޔޮވެގެން ގޮސް އޯވަރ. ނައިސްވެގެން ގޮސް އޯވަރ. މަ އޭރު ވެސް ބުނީމެއްނު ތިހެން އުޅެނިކޮށް ލަނޑެއް ލިބިއްޖެއްޔާ ވަރަށް ދެރަވާނޭ. ހަމަ ބުނާއިރަށް ބުނާނެ، ލީޒާ އެހެންނޭ. ލީޒާ މިހެންނޭ. ލީޒާ ބަނޑޭހަންގަނޑޭ. ކަލޭ ރައްޓެހި ހުރިހާ އަންހެންކުދިންނާ ވާހަކަދެއްކުން ހުއްޓާލީ ވެސް ލީޒާ ކައިރީގަ ނަންބަރު މަތިކުރަން. އެއީ ގޯހެކޭ."
ރައްދުގައި އަހަރެން ދައްކާނެ ވާހަކައެއް ނެތެވެ. އޭނަ ބުނީ ތެދެކެވެ. ލީޒާއަށް އަހަރެން ސާބިތުކޮށްދޭން ބޭނުންވީ އަހަރެން ފަދަ ދެވަނަ މީހަކު ނުލިބޭނެކަމެވެ. ބުނި ކޮންމެ ގޮތެއް ހެދިގެން، ކޮންމެ ގޮތަކަށް ރުހިގެން އަހަރެން އުޅޭނެކަމެވެ. ބަދަލުގައި އަހަރެން ބާކީވެ އެކަހެރިވުން ނޫންކަމެއް ނުވިއެވެ. ދިރިއުޅުން ހުއްޓުމަކަށް އައި ކަހަލައެވެ. އަހަރެންގެ މައިންބަފައިންނާއި އެކުވެރިންގެ އިތުބާރު ވެސް ލީޒާ ހޯދައިފައިވާތީ އެ އެންމެންނަށް ޖަވާބުދޭން އަހަރެންނަށް ވަރަށް އުނދަގޫވިއެވެ. އަހަރެން ބެލީ މީހުންނަށް ފިލައިގެން އުޅެވޭތޯއެވެ.
އިރާކޮޅުގެ ވަގުތެވެ. އެނދުގައި އޮށޯވެލައިގެން އަހަރެން އޮތީމެވެ. އެއީ ދިރިއުޅުމެއް ނޫންކަން އެނގެއެވެ. އެހެން އޮވެގެން ލީޒާމަތިން ހަނދާންނައްތައެއް ނުލެވޭނެކަން ވެސް އެނގެއެވެ. ފޯނަށް މެސެޖެއް އައުމާއެކު އަހަރެންގެ ސަމާލުކަން ފޯނަށް ދެވުނެވެ.
"ހަލޯ!" އެފްބީގެ މެސެންޖާއިން އައިސްފައިވާ އެ މެސެޖުގައި އޮތެވެ.
ވެރިމީހާއަކީ ކާކުތޯ ބަލައިލީމެވެ. ވަރަށް ރީތި، ދޮން އަންހެންކުއްޖެކެވެ. ކަޅި ނޫ، އިސްތަށިގަނޑު ފަން، ޒުވާން ކުއްޖެކެވެ. ވައްތަރީ ޗައިނާ ހިސާބުގެ ކުއްޖަކާއެވެ. ނަމަކީ ނަކީޓާއެވެ. އޭނަގެ އެފްބީ ޕޭޖުގައި ވަރަށް ގިނަ ފޮޓޯ ހުއްޓެވެ. މަދުވެގެން ދެ ފޮޓޯ ނުލާ ދުވަހެއް ނެތެވެ. އޭނަގެ އެކުވެރިންގެ ލިސްޓަށް ބަލައިލިއިރު ދިވެހީން ވެސް ތިއްބެވެ. ސުވާލަކަށް ވީ އަހަންނާ ވާހަކަދައްކަން ނަކީޓާ ބޭނުންވީ ކީއްވެގެން ހެއްޔެވެ؟ ދަނޑިވަޅު ރަނގަޅެވެ. އަހަރެން ހުރީ ވަރަށް އެކަނިވެރިވެފައެވެ. ނަކީޓާއަށް ޖަވާބުދިނީމެވެ. އެ ހިސާބުން އަހަރުމެންގެ ވާހަކަ ފެށުނެވެ. ނަކީޓާއަކީ ބެންކޮކުގެ ބިއުޓިޝަނެކެވެ. މޭކަޕްކޮށްދިނުމާއި، ބޯކޮށައިދިނުމާއި، އަތްފައިގެ ނިޔަފަތި ރީތިކޮށްދިނުމަކީ ވެސް ނަކީޓާގެ ވަޒީފާގައި ހިމެނޭ ކަމެކެވެ. އަހަރެން އަދާކުރާ ވަޒީފާ ވެސް ކިޔައިދިނީމެވެ. ރާއްޖޭގެ ރީތިކަމަށް ނަކީޓާ ތަޢުރީފުކުރިއެވެ. ކޮންމެވެސް ދުވަހަކުން ރާއްޖެއަށް އައުމަށް ނަކީޓާ އުންމީދުކުރެއެވެ. އަހަރެންގެ ޙަޤީޤަތް ނޭނގޭ އަންހެންކުއްޖަކާ ވާހަކަދެއްކުން ވެގެންދިޔައީ އަހަރެން ވަރަށް ގަޔާވި ކަމަކަށެވެ. ލީޒާގެ ވާހަކައެއް ނަކީޓާ ނާހައެވެ. އަހަރެންގެ ޒާތީކަންކަމާ ބެހޭގޮތުން ސުވާލެއް ނުކުރެއެވެ. ދާދި އަވަހަށް އަހަރުމެން ދެ އެކުވެރީންނަށް ވެއްޖެއެވެ.
ދެތިން ދުވަހަށް ފަހު ނަކީޓާގެ ވާހަކަ ބަދަލުވާން ފެށިއެވެ. އޭނަ އަދާކުރާ ވަޒީފާމަތިން ފޫހިވެ އެހެން ދާއިރާއަކަށް ދާން ބޭނުންވެއްޖެއެވެ. އެއީ މަސާޖުކުރުމެވެ. އެ ކަމާ ބެހޭ ކޯހެއް ނަކީޓާ ހަދައިފިއެވެ. އެކަމަކު، އޭނަގެ ރަށަކުން އޭނައަކަށް ރަނގަޅު ވަޒީފާއެއް ނުލިބުނެވެ. އަހަރެންގެ އެހީތެރިކަން ބޭނުންވިއެވެ. އެހީވާން އަހަރެން ވެސް ބޭނުންވިއެވެ. ބައެއް އެކުވެރިންނާ ގުޅައި، މާލެއިން އެ ފަދަ ފުރުޞަތެއް ހޯދައިދެވޭތޯ ބެލީމެވެ. ކޮންމެ ތާކުން ވެސް ބޭނުންވަނީ ނަކީޓާގެ ފެންވަރު ބަލާށެވެ. ގިނަ ކަންތައްތަކެއް ނަކީޓާ ދަންނާތީ، ގިނަ ބަޔަކު ޝައުޤުވެރިކަން ފާޅުކުރިއެވެ. އެ ކަމުގައި އުޅެން ފެށުމުން، ލީޒާމަތިން އަހަރެން ހަނދާންނެތެން ފެށިއެވެ. ނުސީދާކޮށް އަހަންނަށް ކުރި ފައިދާއަކީ އެއީއެވެ.
ދުވަސްކޮޅެއް ފަހުން، އަނެއްކާ ވެސް ނަކީޓާގެ ރާގު ބަދަލުވާން ފެށިއެވެ. ނަކީޓާ މާ ބޮޑަށް އަހަރެން ހަނދާންވަނީއެވެ. ބައްދަލުކޮށްލާ ހިތްވަނީއެވެ. ނޭނގިހުއްޓައި އޭނައަށް ލޯބިވެވިއްޖެއެވެ. ނުވެސް ދަންނަ އަންހެންކުއްޖަކަށް އަހަރެން އެހީތެރިވާތީ ތަޢުރީފުގެ ބަސްތައް އޮއްސަން ފެށިއެވެ. ޗެޓުކުރާ ކޮންމެ ފަހަރަކު ނަކީޓާގެ އެތައް ފޮޓޯއެއް ފޮނުވައެވެ. އިރުއިރުކޮޅާ އަހަރެންގެ ހާލުބަލައެވެ. ނިދާއިރު "ގުޑްނައިޓް" ކިޔައެވެ. ހޭލާއިރު "ގުޑްމޯނިން" ކިޔައިފައި އޮވެއެވެ. އަހަރެން އެދުނީ ނަކީޓާގެ ފެންވަރު ސާފުކޮށް އެނގޭނެ ސެޓުފިކެޓުތަކެއް ފޮނުވައިދިނުމަށެވެ. ނަކީޓާ ބޭނުންވަނީ އަހަރެންނާ ބެހޭ މަޢުލޫމާތު އޮޅުންފިލުވާށެވެ. ބެންކޮކަށް އައުމަށް ދަޢުވަތު ދިނެވެ. އަހަރެން ކުރަންޖެހޭ ހަމައެކަނި ޚަރަދަކީ ޓިކެޓު ގަތުމެވެ. ހުރުމާއި، ކެއުމާއި، ތަންތަން ބެލުމަށް އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހެއެވެ. ނަކީޓާގެ ގޭގައި ހުރެވެއެވެ. އޭނަގެ އަމިއްލަ ކާރުގައި ދަތުރުކުރެވެއެވެ. ރަނުގެ ފުރުޞަތެކެވެ. ދެވަނަ ވިސްނުމަކަށް ދިޔުމުގެ ބޭނުމެއް ނެތެވެ.
"މަސާޖުކޮށްލަން ވަރަށް ރީތި ކުއްޖެއް ގާތަށް ގެންގޮސްދޭނަން." ނަކީޓާ ލިޔުނެވެ.
ފަރިތަކަމާއެކު ޗެޓުކުރަމުންދިޔަ އަހަރެންގެ އިނގިލިތައް ވަގުތުން ހުއްޓުނެވެ. ވަގުތު ނުވަތަށް އޮޅައިލީމެވެ. ނަކީޓާ ކުރިން ދައްކައިފައިވާ ވާހަކަތައް އަލުން ހަނދާންކޮށްލީމެވެ. އޭނައަކީ މަސާޖުކުރަން ދަންނަ ކުއްޖެކެވެ. އަހަރެން ދެކެ ލޯބިވެއެވެ. ވީއިރު، ބެންކޮކަށް އަހަރެން ދިޔުމުން މަސާޖުކުރަން އެހެން ކުއްޖެއް ގާތަށް އަހަރެން ގެންދިޔުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟ އަހަންނަށް މެހެވެން އުޅެނީ ކޮން ކަހަލަ މަޅިއަކަށް ހެއްޔެވެ؟ ރާއްޖޭ ގަޑިން އޭރު ދަންވަރު ދޭއް ޖަހަނީއެވެ. ބެންކޮކަށް ޖަހާނީ ފަތިހު ހަތަރެކެވެ. ނަކީޓާގެ ފޮޓޯއެއް ފޮނުވަން އަހަރެން އެދުނީމެވެ. ވަގުތުން ފޮނުވިއެވެ. ނިދާހެދުމެއް ލައިގެން އޭނަ އޮތީ އެނދުގައެވެ. އެ ފޮޓޯއަށް ތަޢުރީފު ޙައްޤެވެ. ރީތިވެފައި އަސަރުގަދަކަމުންނެވެ. އެކަމަކު އަހަންނާ ވާހަކަދައްކަނީ އެ އަންހެންކުއްޖާކަށް އެނގެނީ ކިހިނެއް ހެއްޔެވެ؟ ވީޑިޔޯޗެޓަކަށް އެދުނީމެވެ. އިންޓަނެޓުގެ އިސްޕީޑު ދަށްކަމުން އެ ކަން ވާކަމަކަށް ނުހެދިއެވެ. ކޮޓަރީގެ ކޮންމެވެސް ތަންކޮޅެއް ފެނިފައި ކެނޑެނީއެވެ. ވާހަކަދައްކާލަން ބޭނުންވިއެވެ. އެ ކަމެއް ވެސް ނުވިއެވެ. ކެނޑެނީއެވެ. ނުވަތަ ކަނޑައިލަނީ ހެއްޔެވެ؟ އެހެން ފޮޓޯއަކަށް އެދުނީމެވެ. އަނެއްކާ ވެސް ފޮޓޯއެއް ފޮނުވިއެވެ. ކުރިޔަށް ވުރެ ނިވާކަން ކުޑަ ހެދުމެކެވެ. އެކަމަކު ހެދުން ތަފާތެވެ. އަހަރެންގެ ވެސް އެ ފަދަ ފޮޓޯއެއް ފޮނުވުމަށް ނަކީޓާ އެދުނެވެ. އަހަރެންގެ ޝައްކު މަޑުމަޑުން ޔަގީނަށް ބަދަލުވާން ފެށިއެވެ. އަހަންނާ ވާހަކަދައްކަނީ ފިރިހެނެކެވެ. އެހެން ނޫން ނަމަ އޭނަ ވާހަކަދެއްކީހެވެ. އެ މީހަކު ފޮޓޯ ނަގަނީ ކޮންމެވެސް އެހެން މީހެއްގެ އެފްބީ ޕޭޖުންނެވެ. އެއް ހެދުމުގައި ނަގައިފައިވާ ތަފާތު ފޮޓޯއެއް އޭނައަށް ނުފޮނުވުނީ އެހެންވެއެވެ. އަހަރެން ވެސް އެ ފަދަ ފޮޓޯތަކެއް ފޮނުވި ނަމަ، ކެހިވެރި މަޅިއެއްގައި އަހަރެން ބެދުނީހެވެ. ފުން ނޭވައެއް ބޭރުކޮށްލީމެވެ. ރީތި ބަސްތަކުން ގަތައިފައިވާ ހާރެއް އޭނަގެ ކަރުގައި އަޅުވައިފައި އެ ނަން "ބްލޮކް" ކޮށްލީމެވެ. އަހަރެން ސަލާމަތްވި ނަމަވެސް، އެ މަޅީގައި ދިވެހީންގެ ކިތަންމެ ބަޔަކު ޖެހުނެވެ. އެ މީހުން އަތުން ފައިސާ ފޭރުނެވެ. ދަރަނިވެރިކޮށްލައިފައި ބޭޒާރު ވެސް ކޮށްލިއެވެ. މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
ނިމުނީ