04 ފެބުރުއަރީ 2025 - 20:04

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާއާ ދިމާކޮށް އިހުތިޖާޖުކުރަން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.
މަޖިލިސް ހުޅުވައި ރިޔާސީ ބަޔާން އިއްވުމަށް ބުރާސްފަތި ދުވަހަށް މަޖިލީހުގެ ޖަލްސާއެއް ވަނީ ތާވަލުކޮށްފަ އެވެ. އެ ޖަލްސާ ކުރިއަށްދާ ވަގުތު މަޖިލިސް ބޭރުގައި އިހުތިޖާޖުކުރަން އެމްޑީޕީން މިއަދު ވަނީ ނިންމައިފަ އެވެ.
ބެލެވޭ ގޮތުގައި މަޖިލީހުގެ ތަޅުމުގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވެސް މި އިހުތިޖާޖު ކުރިއަށް ގެންދާނެ އެވެ.
ބުރާސްފަތި ރައީސް މުއިއްޒު އިއްވަވާނީ އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާނެވެ. އަދި މިއީ 20 ވަނަ މަޖިލީހަށް އިއްވާ ފުރަތަމަ ރިޔާސީ ބަޔާނެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސް މުއިއްޒުއާ ސިޔާސީ ގޮތުން ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އަޑުފެތިފައިވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އެމްޑީޕީން އިހުތިޖާޖުކުރަން ނިންމާފައިވަނީ ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެންނެވެ. އެ އިސްލާހުތަކާ ދެކޮޅަށް އެމްޑީޕީން ބޮޑު ޖަލްސާއެއް ބާއްވާފައިވާއިރު، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ބޮޑު ހިނގާލުމެއް ވެސް އެމްޑީޕީން ވަނީ މިދިޔަ ހަފްތާގައި ބާއްވައިފަ އެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި ސަރުކާރު ހަމަ މަގަށް އެޅުވެންދެން އެ ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ.