04 ފެބުރުއަރީ 2025 - 13:06

ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށްވާ ށ. ފަރުކޮޅުން ވެލި ނަގާ މައްސަލަ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބަލަން ފަށައިފި އެވެ.
ށ. އަތޮޅު ކައުންސިލުން ބުނީ ފަރުކޮޅުގެ ގޮނޑުދޮށުންނާއި ތުނޑިން އަދި ފަޅުތެރެ ކޮނެގެންނާއި ޕަންޕް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ގަވާއިދާ ޚިލާފަށް ވެލި ނަގަމުންދާ ކަމަށެވެ. މި މައްސަލަ އެ އިދާރާ އާއި އީޕީއޭ ގުޅިގެން ބަލަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.
ރައްޔިތުންގެ ޒަރޫރީ ބޭނުމަށް ވެލިނަގަން ޖެހޭ ހާލަތްތަކުގައި، އަތޮޅުގެ ކޮންމެ ދާއިރާއަކަށް ވެސް ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައި ވެ އެވެ. އަދި ކަނޑައަޅާފައިވާ ސަރަހައްދުތަކުން ވެސް މެޝިނަރީތައް ބޭނުންކޮށްގެން ވެލިނެގުމަކީ މަނާ ކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނި ގޮތުގައި ވަރަށް ގިނަ ސަަބަބުތަކާ ހެދި ހިމާޔަތްކޮށްފައިވާ ފަރުކޮޅު ފަދަ ތަންތަން ރައްކާތެރިކޮށް، ދެމެހެއްޓުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ އެވެ.
ހިމާޔަތްކޮށްފައިވާ ފަރުކޮޅުގައި ތަފާތު ހަތް ކުޅިއެއް ހިމެނެ އެވެ. އޭގެ އިތުރުން ރަށުގައި ޗަސްބިން ވެސް ބޮޑެވެ.
ރާއްޖެއިން ނެތިދިއުމުގެ ބިރު އޮތް ގަސްގަހާގެހީގެ ތެރޭގައި ހިމެނޭ ކަނޑޫ، ބުރެވި، ތަކަފަތި ފަދަ ގަސްތައް މި ރަށުގައި ވަނީ ހެދިފަ އެވެ. ރަށުގެ ގުދުރަތީ މުއްސަނދިކަން ބޮޑުކަމުން އެކި ވައްތަރުގެ ދޫނިތަކުގެ މަންޒިލަކަށް ވެސް ފަރުކޮޅުވެ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބައެއް ދޫނި އެ ރަށަށް ބިސް އަޅާ ހަދަ އެވެ. އޭގެ އިތުރުން ރަށުގެ މޫދާ ގުޅިފައި އޮންނަ ކުޅި ކައިރީގައި، ދުނިޔެއިން ވެސް ނެތިދިއުމުގެ ބިރުހީވެފައިވާ ބައެއް ބާވަތުގެ މަހާއި ފަރުގެ ދިރުންތައް ވެސް އާލާވެ އެވެ.